ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށް ކެބިނެޓުގެ ބައެއް ވަޒީރުން މަގާމުން ދުރުވަމުންދާ މި ދަނޑިވަޅުގައި، މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މި ސަރުކާރު ފެށުނުއިރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހައިދަރު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުވެވަޑައިގަތީ އޭރުގެ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލުމާ ގުޅިގެންނެވެ. ޑރ. ހައިދަރުގެ އިސްތިއުފާއާއެކު، ސަރުކާރުގެ ކެބިނެޓުން ވަކިވެވަޑައިގަތް ވަޒީރުންގެ އަދަދު މިހާރު ވަނީ ނުވަޔަކަށް އަރާފައެވެ.

މީގެ ކުރިން އިސްތިއުފާ ދެއްވާފައިވާ އަށް ވަޒީރުންނަކީ ފޮރިން މިނިސްޓަރު ޑރ. އިބްރާހިމް ޚަލީލު، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް، އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އަދި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ. މީގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި އަލީ އާރިފް ވެސް ވަނީ އިއްޔެގެ ވަގުތެއްގައި މަގާމުން ދުރަށްވަޑައިގެންފައެވެ.

ކައުންސިލް އިންތިހާބުގެ ނަތީޖާއަށްފަހު، ވަޒީރުންގެ މަޖިލީހުގެ އިތުރުން ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައެވެ. އެގޮތުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާނާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ސަރުކާރުގެ އެންގުމަށް އަމިއްލަފުޅަށް މަގާމުން ދުރަށްވަޑައިގެންފައިވާއިރު، މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރާއި، އެގްރޯނެޓްގެ އެމްޑީ ހުސެން ދީދީ އަދި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވަނީ މަގާމުން ވަކިކޮށްފައެވެ.

ހުސްވެފައިވާ އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް މިއަދު ވަނީ އާ ބޭފުޅަކު އައްޔަންކުރައްވާފައެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުވެވަޑައިގަތީ، ކުރިން ސްޓެލްކޯގެ އެމްޑީކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރެއްވި ހުސެން ފަހުމީއެވެ.

Leave a Reply