މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަންގެ މަގާމުން އަބްދުލް ޣަފޫރު މޫސާ (ގަޕޯ)ވަކިކުރުން ރަނގަޅު ނޫން ކަމަށް ޑިމޮކްރެޓްސްގައި ކުރިން ހަރަކާތްތެރިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވާ އިރު ގަޕޯ ވަކިކުރަން ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ. އެ ޕެޓިޝަން ހުށަހެޅީ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީއާ ގުޅިގެން އެމްޑީޕީން ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން ޕާޓީގެ އިސް ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަަރު ފައްޔާޒް އިސްމާއިލްއަށް ވާހަކަފުޅުދެއްކެވުމުގެ ފުރުސަތު ދީފައި ނުވުމުން އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި އިސްތިއުފާ ނުދެއްވާނެކަމަށް ގަޕޯ ވިދާޅުވަމުންދާ އިރު ބޮންޑޭ “ދެން”އަށް ވިދާޅުވީ އެ މައްސަލައިގައި ގަޕޯ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވެސް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އަދި އުފާފާޅުކުރުމުގެ ހަރަކާތުގެ އެޖެންޑާގެ ކަންކަމަާ ހަމައަށް ގަޕޯ ކަންކަން ކުރައްވަމުން ގެންދެވީ ރަނގަޅަށް ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.

“އެ މައްސަލައިގައި ރަަނގަޅީ ގައުމީ މަޖުލީހުން ގަޕޯ އަށް ނަސޭހަތް ދިނުމަށްފަހު އެ މައްސަލަ ނިންމާލުން”ބޮންޑޭ ވިދާޅުވިއެވެ.

އުފާފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން ރައީސް ނަޝީދުއަށް ވާހަކަ ދައްކަން ފުރުސަތު ނުލިބި ވަޑައިގަތުމުން އެމަނިކުފާނު ވަނީ އެ ހަފްލާ ބޮއިކަޓުވެސްކުރައްވައިފައެވެ.

Leave a Reply