
ދައުލަތަށް ނުލިބި ހުރި ޓެކްސާއި އެހެނިހެން ފައިސާ ހޯދުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ފަށާފައިވާ ހާއްސަ އިސްނެގުމުގެ ދަށުން، ވޭތުވެދިޔަ ޖޫން މަހުގެ ތެރޭގައި އެކަނި ވެސް 465 މިލިއަން ރުފިޔާ ހޯދައިފިއެވެ.
މީރާ އިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއީ އެ އިދާރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅުތައް ވަރުގަދަކޮށް، ޓެކްސް ބަޔާންތައް ނުފޮނުވާ ފަރާތްތަކާއި ފައިސާ ނުދައްކާ ހުރި ފަރާތްތަކާ އެކު ކުރެވުނު މަސައްކަތުން ހޯދިފައިވާ ފައިސާއެވެ.
މީރާއިން ބުނީ ހޯދި ފައިސާގެ ތެރޭގައި ހިމެނެނީ ފައިސާ ދެއްކުމުގެ އެއްބަސްވުންތައް ބަހާލައިގެން އިންސްޓޯލްމަންޓް އެގްރީމަންޓް މެދުވެރިކޮށް ހޯދި ފައިސާއެވެ. އެގޮތުން ޖުމްލަ 286 މިލިއަން ރުފިޔާ ވަނީ މި މަރުހަލާގެ ތެރެއިން ދައުލަތަށް ހޯދާފައެވެ. އަދި ފައިސާ ދެއްކުމަށް އެދި އެންމެ ފަހުގެ އިންޒާރު ނުވަތަ ފައިނަލް ނޯޓިސް ފޮނުވައިގެން 79 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.
މީގެ އިތުރުން މީރާގެ އިލްތިމާސްތަކަށް އިޖާބަ ނުދިން ފަރާތްތަކުގެ އެކައުންޓްތަކުން ފައިސާ ހިފަހައްޓައިގެން (އެކައުންޓް ފްރީޒްކޮށްގެން) 72 މިލިއަން ރުފިޔާ ވަނީ ދައުލަތުގެ ބަޖެޓަށް ވައްދާފައެވެ. ދެން އެންމެ ބޮޑު އަދަދެއް ހޯދީ ޓެކްސް ނުދައްކާ ފަރާތްތަކަށް ހަނދާންކޮށްދިނުމުގެ އެކި މަރުހަލާތަކުގައި ކުރެވުނު މަސައްކަތުންނެވެ. މި އަދަދު 26 މިލިއަން ރުފިޔާއަށް އަރައެވެ.
މީރާއިން ބުނީ ދައުލަތަށް ލިބެންޖެހޭ ޓެކްސާއި ފީތައް ހަމައަށް ނުދައްކާ ހުންނަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެންހުރި ހުރިހާ ފިޔަވަޅެއް ކުރިއަށް އޮތް ތަނުގައި ވެސް ވަރުގަދަކުރާނެއެވެ. އަދި ގަވާއިދުން ފައިސާ ނުދެއްކޭ ފަރާތްތަކަށް މީރާއާ ވާހަކަދައްކައިގެން ލުއި ގޮތްތަކެއް ހޯދުމުގެ ފުރުސަތު އަބަދު ވެސް ހުޅުވާލެވިފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































