
ތ. ތިމަރަފުށީގައި ފިރިހެނަކު އޭނާ އަނބިމީހާގެ އެކައުންޓްއިން ފައިސާ ވަގަށް ނެގި މައްސަލައިގައި ހަތް މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ތިމަރަފުށީ ކޯޓުން ހުކުމް އިއްވީ އެ ރަށު ލުބޯމާގެ، މުހައްމަދު މޫސާގެ މައްޗަށެވެ.
މޫސާ ވަނީ އޭނާގެ އަންހެނުން ތ. ތިމަރަފުށި/ ކަށިކެޔޮމާގެ، ފާތިމަތު މިޒުނާ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުރި އެކައުންޓްއިން އެކި ދުވަސް މަތިން 8150ރުފިޔާ ވަގަށް ނަގައިފައެވެ.
އެ ކުށަށް މޫސަ އިއުތިރާފްވެފައިވުމާއެކު ތިމަރަފުށީ ކޯޓުން ވަނީ އޭނާއަށް ލުއި ހުކުމެއް އިއްވައިފައެވެ.
އެގޮތުން އޭނާއަށް އިއްވީ ހަތް މަހާއި ތިން ދުވަަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގައި އޭނާ ކުރިން ތިން ދުވަސް ޖަލުގައި ހޭދަކޮށްފައިވާތީ އޭނާގެ މައްޗަށް ތަންފީޒުކުރާނީ ހަތް މަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައިގައި ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށްދޭން ވެސް މޫސަ އެދުނެވެ. ނަމަވެސް ކޯޓުން އެގޮތަށް މައްސަލަ ނިންމައެއް ނުދިނެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































