ރާއްޖެއާއި ޗައިނާއާ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް ދެމެހެއްޓެނެވި ގޮތެއްގައި އިގުތިސާދު ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ހައިނާން ޕްރޮވިންސްގެ ގަވަނަރު ލިއު ޝައޯމިންއާ ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލައްވާފައި ވަނީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ މަގުތައް ފަހިކުރުމަށެވެ. މީގެ އިތުރުން، ދެ ގައުމު ގުޅިގެން އިގުތިސާދީ އައު ރޮނގުތަކެއް ހޯދުމާއި، ތަރައްގީގެ މަޝްރޫއުތަކުގައި އެއްބާރުލުން ދިނުމާމެދު ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

ވަޒީރު ސައީދުގެ މި ދަތުރުފުޅުގައި ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހައިކެން ގްރޫޕުގެ މައުރަޒަށް ޒިޔާރަތްކުރައްވައި، އެ ކުންފުނީގެ އިސްވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. އެގޮތުން، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރާ އެކު ބޭއްވެވި ބައްދަލުވުމުގައި، ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމާއި، ރާއްޖޭގެ މަހުގެ ބާވަތްތައް ޗައިނާގެ ބާޒާރަށް އެކްސްޕޯޓުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވަރަށް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިއެވެ.

މީގެ އިތުރުން، ހައިކޯ ޝިންހާއި ބަނދަރަށް ވަޒީރު ވަޑައިގެން، އެތަނުގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ. އަދި ޒަމާނީ ފެންވަރަށް ބަނދަރުތައް ތަރައްގީކުރުމާއި، ކަނޑުދަތުރުފަތުރުގެ ނިޒާމުތައް ގުޅުވާލުމަށް ބޭނުންކުރާ ޒަމާނީ އުކުޅުތަކާ ބެހޭ މައުލޫމާތު އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

ރާއްޖޭގެ އިގުތިސާދީ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް ޗައިނާ ސަރުކާރުން ދެއްވާ މެދުކެނޑުމެއް ނެތް އެއްބާރުލުމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އިގުތިސާދީ ގުޅުން އިތުރު ހަރުފަތަކަށް ކުރިއަރަމުންދާކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply