
ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ހުކުމެއް ކޮށްފައިވަނީ އޭނާއާއި އިތުރުން 3 މީހަކު ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް 2.5 މިލިއަން ރުފިޔާ ނުދައްކާ އޮވެގެންނެވެ.
އެ ފައިސާ 6 މަސް ދުވަހުން ދައްކަން ހުކުމްކުރި ނަމަވެސް އެ މުއްދަތުގައި އޭނާ ފައިސާ ދައްކާފައެއް ނުވެއެވެ.
އެހެންވެ، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ މައްސަލަ ކޯޓަށް ހުށަހެޅުމާއެކު ސިނާންވަނީ އެ ފައިސާ ދައްކާ ހަލާސްކޮށްފައެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކޮށްފައިވަނީ، ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އޭނާ ދައްކާފައި ނުވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން (ރިޔާސަތު) އާއި އަބްދުالله ހަމީދު އާއި ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން އަލި ރަޝީދު އަހުމަދު އަދި ހުސައިން ޝަހީދެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































