
އުޅަނދުތަކުގެ ސްޕީޑު ކޮންޓުރޯލް ކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުމާލޭގެ މަގުތަކުގައި ތާރު ބަމްޕަރު ޖަހަން ފަށައިފިއެވެ.
ސްޕީޑް ކޮންޓްރޯލް ކުރަން ހުޅުމާލޭގެ މަގުތަކުގައި ރަބަރު ބަމްޕަރުތަކެއް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވެސް ޖެހިއެވެ. ނަމަވެސް އެ ބަމްޕަރުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެ ބަމްޕަރުތައް މިދިޔަ ޑިސެމްބަރު މަހު އޮތީ ނަގައިފައެވެ. އޭރު އާންމުގެ ގިނަ ބައެއްގެ ޝަކުވާއަކަށްވީ ކިތަންމެ މަޑުން ދުއްވި ނަމަވެސް، އެ ބްރޭކަރުން އަރައިފައިބާއިރު، އުނަގަނޑުގައި ރިއްސުމެވެ. އަދި އަގުބޮޑުކޮށް ގަނެފައި ހުންނަ ވެހިކަލްތަކަށް ދެވޭ ގެއްލުނު ވެސް ވުމެވެ.
އެޗްޑީސީގެ އޮފިޝަލު ވިދާޅުވީ ކުރީގެ ބަމްޕަރުތަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ތާރު ބަމްޕަރުތައް ޖެހުމުގެ މަަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. އަދި މިހާރު ޖަހަމުންދާ ބަމްޕަރުތަކަކީ އެންމެ ކުރީގައި ވެސް ހުޅުމާލޭގެ މަގުތަކުގައި ޖަހާފައި ހުރި ބަމްޕަރުތަކުގެ ޑިޒައިންއަށް ޖަހަމުންދާ ބަމްޕަރުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































