
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހުއްދައަކާ ނުލައި ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ރިސޯޓުތަކާއި އެހެނިހެން ވިޔަފާރިތައް ހުއްޓުވައި، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ހާއްސަ މަސައްކަތްތަކެއް ފަށާފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު އިއުލާނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމާގުޅޭ ގަވާއިދުތައް ތަންފީޒުކުރުމަށް ސަރުކާރުގެ އެހީތެރިކަމަށް މަރުކަޒީ ބޭންކުން އެދުމާ އެކު، ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ތަހުގީގުތަކެއް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ހޯދުނު މައުލޫމާތުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ހުއްދަނެތި ފައިސާ މާރުކުރާ ހަތް މަރުކަޒެއްގެ ރެކޯޑުތައް ބެލިއިރު، ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 76 މިލިއަން ޑޮލަރުގެ މުއާމަލާތް އެތަންތަނުން ކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ.
މިހާ ގިނަ އަދަދެއްގެ ބޭރު ފައިސާ ކަޅު ބާޒާރަށް ވަންނަނީ ކިހިނެއްތޯ ބެލުމަށް ހިންގި ތަހުގީގުން އެނގުނު ގޮތުގައި، މީގެ މައިގަނޑު މަސްދަރަކީ ރާއްޖޭގައި ޑޮލަރުން ބޮޑެތި އާމްދަނީ ހޯދާ ވިޔަފާރިތަކެވެ. އޭގެ ތެރޭގައި ރާއްޖޭގައި ނަން ހިނގާ ބޮޑެތި ރިސޯޓުތައް ހިމެނޭކަން ހިތާމަޔާ އެކު ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެންމެ ރިސޯޓު ޗެއިނަކުން ވެސް ފާއިތުވި ނުވަ މަސްތެރޭ ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރަށް ވިއްކާފައިވާ ކަމަށެވެ.
ގާނޫނުގައި ބަޔާންކުރާ މިންވަރަށް ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރަން ދަތިކަމަށް ބުނާ ރިސޯޓުތަކުން ވެސް، ކަޅު ބާޒާރަށް ނެރެން ބޭނުންވާ ވަރަށް އެ ފަރާތްތަކުގައި ޑޮލަރު ހުންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ. ރިސޯޓުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތްދޭ ކުންފުނިތަކާއި ޑޮލަރުން މުސާރަ ލިބޭ މުވައްޒަފުން ވެސް ގަވާއިދާ ހިލާފަށް ބޮޑު އަގުގައި ފައިސާ މާރުކުރަމުންދާކަން ވަނީ ފަޅާއަރާފައެވެ.
އެމްއެމްއޭގެ ހުއްދައަކާ ނުލައި ބޭރު ފައިސާ ގަނެވިއްކުމަކީ ޖިނާއީ ކުށެކެވެ. އަދި އެފަދަ ކުށަކުން ހޯދާ ފައިސާ ބޭނުންކޮށްގެން ކުރާ އެހެނިހެން މުއާމަލާތްތަކަކީ މަނީ ލޯންޑަރިންގެ ގޮތުގައި ބެލެވޭނެ އަމަލެއްކަމުގެ އިންޒާރު އިހުސާނު ދެއްވިއެވެ. އެހެންކަމުން، ބޭރު ފައިސާ މާރުކުރުމުގެ ހުރިހާ ކަމެއް ވެސް ރަސްމީ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ރޭޓުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މާޒީގައި މިފަދަ ގާނޫނުތައް ތަންފީޒުކުރުން ހުއްޓިފައި އޮތް އޮތުމަކީ، މުސްތަގުބަލުގައި ވެސް އެކަން އެހެން އޮންނާނެކަމުގެ ހުއްޖަތެއް ނޫންކަން ވަޒީރު ސާފުކޮށްދެއްވިއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައި ވަނީ ގުދުރަތީ ގޮތުން ނޫންކަމަށާއި، އެހެންކަމުން ގަވާއިދާ ހިލާފަށް ހިންގާ ކޮންމެ މުއާމަލާތަކަށް ޖޫރިމަނާކޮށް، ގާނޫނުތައް އެއްވެސް އިސްތިސްނާއެއް ނެތި ފުރިހަމައަށް ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































