ސިވިލް ކޯޓުގެ ގާޒީކަމަށް 42 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ސިވިލް ކޯޓަށް ތިން ގަޒީއަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަންއިން އިއުލާންކުރީ މިދިޔަ މަހު ފަހުކޮޅުއެވެ.

އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހާ ހަމައަށް ހަމަވެފައިވާ އިރު ސިވިލް ކޯޓުން ބުނީ އެ މަގާމަށް 42 ބޭފުޅުން ކުރިމަތިލައްވާފައިވާ ކަމަށެވެ.

ސިވިލް ކޯޓުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ސާބިތު ދަރަނި ނުދައްކާ މައްސަލައަކާ ގުޅިގެން ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމުން 2024ވަނަ އަހަރު ވަކިކުރި އުއްމުކުލްސޫމް އަބޫބަކުރު ވެސް އެ މަގާމަށް ކުރިމަތިލެއްވިއެވެ.

އޭގެ އިތުރުން ސިވިލް ކޯޓުގެ ގާޒީކަން ކުރިން ކުރެއްވި މަރިޔަމް ނިހާޔަތު ވެސް ކުރިމަތިލެއްވިއެވެ.

ސިވިލް ކޯޓުގެ ގާޒީގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000 ރުފިޔާ ލިބޭނެއެވެ. އަދި އޭގެ އިތުރުން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.

މަގާމަށް ކުރިމަތި ލުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުހުލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

Leave a Reply