
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޖާގަ ތަނަވަސްކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގައި ޝީޓްޕައިލް ކުރުމަށް ކަނޑައެޅިފައިވާ މައިގަނޑު މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފައިވާ ގޮތުގައި، ހަތަރުވަނަ އަދި ފަސްވަނަ ސެގްމެންޓުގެ ސަބް-ބޭސްގެ މަރުޙަލާ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި މިވަގުތު އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާއިރު، މި ހިނގާ މަހުގެ 7ވަނަ ދުވަހު މަގުގައި ތާރުއެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. ހަމައެއާ އެކު، އެއްގަމު ތޮށިގަނޑުގެ ކެޕިންގ ކޮންކްރީޓްގެ އެންމެ ފަހުގެ ނިންމުންތައް މި ހަފުތާގެ ތެރޭގައި ފުރިހަމަކުރެވޭނެކަމުގެ ޔަޤީންކަން ވެސް އެ ކުންފުނިން ދެއެވެ.
މަސައްކަތް ނިންމުމަށް ކުރިން ކަނޑައެޅި ތާރީޚުތަކަށް އެކި ސަބަބުތަކާ ގުޅިގެން ލަސްތަކެއް ކުރިމަތިވި ނަމަވެސް، އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ޖުލައި މަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް މުޅި މަޝްރޫޢު އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމެވެ. އަލަށް ތަރައްޤީކުރެވޭ މި ސަރަޙައްދު ވެސް ފަރުމާކުރެވިފައި ވަނީ، މަގުގެ ޖާގަ މިހާރަށްވުރެ ތަނަވަސްވެ، ބޭންކުތަކާއި އޮފީސްތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ޕާކުކުރެވޭނެ ފުރިހަމަ ނިޒާމެއް ހިމެނޭ ގޮތަށެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 22ވަނަ ދުވަހު ފެށި މި މަޝްރޫޢަކީ ޖުމްލަ 830 މީޓަރުގެ މަގު ހެދުމަށް ހިންގޭ މަޝްރޫޢެކެވެ. މީގެ ތެރެއިން 737 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބައިބަޔަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭ ސަރަޙައްދާއި، މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދު ހިމެނޭ ދެ ސެގްމެންޓެއްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. މި ސަރަޙައްދުތައް ބޭނުންކުރަން ފެށުމާ އެކު މާލޭގެ ޓްރެފިކަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންގޮސްފައެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































