ކުޅިވަރަކީ ހަމައެކަނި ހަރަކާތެއްކަމުގައި ނުދެކި، ކުޅިވަރުގެ ކުޅިވަރުގެ ޒަރިއްޔާއިން ދިރިއުޅުމަށް ކުރިއެރުމާ ސުލްހަ މަސަލަސްކަން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

ރައީސް އެފަދައިން ގޮވާލެއްވީ މިއަދު ފާހަގަކުރާ “އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް”ގެ މުނާސަބަތުގައި އެކްސްގައި ލިޔުއްވި މެސެޖެއްގައެވެ.

އެގޮތުން މި ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިންސާނުންގެ ދުޅަހެޔޮކަމާ ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ސުލްހަ މަސަލަސްކަމާ އެއްބައިވަންތަކަން ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރުގެ މަތިންކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުޅިވަރަކީ މަސްތުވާތަކެތި ބޭނުންކުރުމާ، ކަރަޕްޝަން އަދި މާރާމާރީފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އޮތް ވަރުގަދަ ހައްލެއް ކަމުގައެވެ. ހަމަ އެއާއެކު، ޒުވާނުންގެ ކިބައިގައި ރިވެތި އަހުލާގާއި، ވިލުންތެރިކަމާ، އަދި ގުޅިގެން މަސައްކަތްކުރުމުގެ އާދަޔާ، އިހުތިރާމްކުރުމުގެ ސިފަހަރުލެއްވުމާއެކު ސިއްހީގޮތުން ދުޅަހެޔޮ، ހަރުދަނާ ދިރިއުޅުމެއް ޒުވާނުންގެ ކިބައިގައި އަށަގެންނެވުމުގައި ކުޅިވަރު އަދާކުރާ ދައުރުގެ ސަބަބުން ގައުމީ ތަރައްގީއަށް މަގުފަހިވެގެންދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި، ރާއްޖޭގެ ކުޅިވަރުގެ ހަރަކާތްތަކަށް ގެންނަމުންދާ ކުރިއެރުމުގެ މައްޗަށްވެސް ބައްލަވާލައްވާފައިވެއެވެ.

އެގޮތުން ރާއްޖޭގެ ކުޅިވަރާބެހޭ ގާނޫނެއް ވުޖޫދު ކުރެވުމާ، ސްޕޯޓްސް ޑިވެލޮޕްމަންޓް ފަންޑެއް ގާއިމުކުރުމާ، ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ސަބަބުން، މޮޅެތިކުޅުންތެރިން އުފެދިގެންދިޔުމާ، ކަމަށް ކަމޭހިތުމާއި، ނަތީޖާއާ ހަމަޔަށް ވާސިލުވަންދެން ގަދައަޅާމަސައްކަތްކުރުމާ، ކާމިޔާބުހޯދުމާއި ހިތްވަރު ލިބިގަތުމުގެ ރޫހު އާލާ ކުރުމުގެ ސަގާފަތެއް، ކުޅިވަރު ކުޅުންތެރިންގެ ތެރޭގައި، އުފެދިގެންދާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ކުޅިވަރުކުޅޭ މުޖުތަމައުއަށް ބޭނުންވާނެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމާއި، އަރުތަ ސްކޮލާޝިޕާއި، އަދި މިންތީގެ ތަފާތުކުރުމެއްނެތި، ގައުމީ ކުޅުންތެރިންގެ މުސާރަ ބޮޑުކޮށްދިނުމަކީ، ސަރުކާރުން އިސްނަންގަވައިގެން ކުޅިވަރުތަރައްގީ ކުރެއްވުމަށް ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ވިދާޅުވީ ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެނަދަވާނެ ކަމަށެވެ. އެގޮތުން، އެންމެންގެ ބައިވެރިވުމާއެކު، ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިޔަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުން، ދުޅަހެޔޮ، އެކުވެރި އަދި ކުރިޔަށް ދިޔުމުގެ ރޫހު އަށަގަނެފައިވާ ވިސްނުމެއްގެ ޒަރިއްޔާއިން، ގައުމަށް އިތުރު ކާމިޔާބީއާއި، ހަމަޖެހުން ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply