
ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ގައުމީ ބަތަލުގެ ޒިކުރާ އާކުރުމުގެ ގޮތުން ހއ. އުތީމުގައި ތަރައްގީކުރި “ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި”، މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަކަށް ކުރިއަށްގެންދެވި މި މަޝްރޫޢުގެ ދަށުން ބިނާކުރި މި ހަނދާނީ ބިނާގައި މައިގަނޑު ހަ ތަނބެއް ފަރުމާކޮށްފައިވެއެވެ. މި ހަ ތަނބުން ރަމްޒުކޮށްދެނީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމުގެ މިނިވަންކަމަށްޓަކައި ކަޅުއޮއްފުންމީގައި ނުކުމެވަޑައިގެންނެވި ހަ ބަތަލުންނެވެ. އެއީ އުތީމު ތިންބެއިން ކަމަށްވާ މުޙައްމަދު ތަކުރުފާނާއި، ޢަލީ ތަކުރުފާނާއި، ޙަސަން ތަކުރުފާނުގެ އިތުރުން، ދުވާފަރު ދަންޑަހެލާއި، ތިމަރަފުށީ ޙަސަން ޙާޖީ އަދި ޢަލީ ޙާޖީއެވެ.
އުތީމު ބަނދަރަށް ފައިބާ ސަރަޙައްދުގައި މި ދޮރާށި ބިނާކޮށްފައިވާއިރު، އެތަނުގައި ކަޅުއޮއްފުންމީގެ ނަކަލެއްވެސް ވަނީ ބަހައްޓާފައެވެ. މީލާދީން 1558ވަނަ އަހަރު ރާއްޖެ އަޅުވެތިކުރި ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދުގެ މުހިންމު އާސާރުތަކެއް ބޮޑުތިލަދުންމަތީގެ ރަށްތަކުގައި، ހާއްސަކޮށް އުތީމާއި ބާރަށުގެ އިތުރުން ތަކަންދޫގައި ފެންނަން އެބަހުއްޓެވެ.
ތާރީޚީ މިފަދަ ތަރިކަތައް ހިމާޔަތްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް، ތަރިކައިގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގެންގުޅުއްވާ އިގުތިސާދީ ސިޔާސަތުގެ މުހިންމު ބައެކެވެ. އެގޮތުން، ޣާޒީ ބަންޑާރައިންގެ ހަނދާންތަކާ ގުޅިފައިވާ ތަންތަން ރައްކާތެރިކޮށް، ދިވެހިންނާއި ބިދޭސީންގެ ސަމާލުކަން ލިބޭނެހެން އެތަންތަން ތަރައްގީކުރުމަށް ރައީސް ވަނީ ހާއްސަ އިސްކަމެއް ދެއްވާފައެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































