
ކީ ސްޓޭޖް 1ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކުން ވަޒަންކުރުމަށްޓަކައި އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ހާއްސަ އިމްތިހާނެއް ބޭއްވުމަށް ތައުލީމީ ވުޒާރާއިން ނިންމަވައިފިއެވެ.
މި މުހިންމު ނިންމެވުން އިއުލާނުކުރެއްވީ، 2025ވަނަ އަހަރުގެ ކީ ސްޓޭޖް 3ގެ ދަރިވަރުންގެ ނަތީޖާ ވަޒަންކުރުމަށް ފަހު އެކުލަވާލި ރިޕޯޓު ނެރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން، ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
ވަޒީރު ހާމަކުރެއްވި ގޮތުގައި، މުޅިން އަލަށް ރާއްޖޭގައި ތައާރަފުކުރެވޭ މި އިމްތިހާނުގެ ސަބަބުން ސައިންސާއި، ހިސާބު އަދި އިނގިރޭސި ފަދަ މާއްދާތަކުން ދިވެހި ކުދިން ތިބި ހިސާބު، ދުނިޔޭގެ އެހެން ގައުމުތަކުގެ އެ އުމުރުފުރާގެ ކުދިންނާ ސީދާ ގޮތެއްގައި އަޅައިކިޔައިލެވޭނެއެވެ. އަދި މި އިމްތިހާނުން ލިބޭ މައުލޫމާތުގެ އަލީގައި މުޅި ތައުލީމީ ނިޒާމަށާއި މަންހަޖަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައް އިލްމީ ގޮތެއްގައި ދެނެގަނެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދިރާސާތަކާއި ހެކީގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުން ބައްޓަންކުރުންކަން ފާހަގަކުރައްވައި ޑރ. ޝަފީޢު ވިދާޅުވީ، މީގެ ކުރިން ކީ ސްޓޭޖް 1 އަދި 2ގެ ފެންވަރު ބެލިނަމަވެސް އެ ނަތީޖާތަކުގެ ބޭނުން ސިޔާސަތު އެކުލަވާލުމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ހިފިފައިނުވާ ކަމަށެވެ. ހާއްސަކޮށް ފަށާ ތައުލީމުގެ މަރުހަލާގައި ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަކުރެވިފައިވާތީ، މުގައްރަރަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެ މާއްދާ ކިޔަވައިދިނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، މުދައްރިސުންނަށް އިތުރު ތަމްރީނު ފޯރުކޮށްދިނުމަށް މިހާރު ވަނީ އަމާޒުހިފާފައެވެ.











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































