
ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.
އަދި، ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމުތަކާއި މެޑިކަލް ސްޕެޝަލައިޒޭޝަން ޕްރޮގްރާމުތަކާއި މޑިކަލް ފެލޯޝިޕް ޕްރޮގްރާމުތައް ފުރިހަމަ ކުރުމަށްވެސް ލޯނު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަހަރު ލޯނަށް އެދުމަށް ހުޅުވާލާފައި ވަނީ ވަކި ސުންގަޑިއަކާ ނުލައެވެ. މިނިސްޓްރީން ބުނީ ކިޔެވުމަށް ތައްޔާރުވެފައިވާ ކޮންމެ ދަރިވަރަކަށްވެސް، ޔުނިވާސިޓީގެ ޕްލޭސްމަންޓް ލެޓާ، އެމްކިއުއޭގެ ރިކޮގްނިޝަން ލެޓާ އަދި ފީ ސްޓްރަކްޗާ ލިބުމާއެކު ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.
ދަރިވަރުން ހުށަހަޅާ އެޕްލިކޭޝަންތައް ލިބެމުންދާ ތަރުތީބުން ލޯނުތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ލޯނަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ ‘ކުރި’ ޕޯޓަލް މެދުވެރިކޮށެވެ.
ގެޒެޓުގައި މިހާރު އާންމުކޮށްފައި އެ އުސޫލުގައިވާ ގޮތުން، ލޯނުގެ ގޮތުގައި ދޫކުރެވޭ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާ އެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































