އައްޑޫ ސިޓީގެ ރަށްރަށުގައި ވަކިވަކި ކައުންސިލްތައް ހެދުމަށް ފެންނަ ނުފެންނަ ވޯޓު މި މަހު ނެގުމަށް ސަރުކާރުގެ ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކެބިނެޓުން ނިންމީ އޮކްޓޯބަރު 24 ނުވަތަ 25 ގައި އެ ވޯޓު ނެގުމަށެވެ.

އެ ގޮތުން ވޯޓުލާނީ އައްޑޫ ފޭދޫ، އައްޑޫ މީދޫ، އަދި އައްޑޫ ހުޅުދޫގައި ކައުންސިލެއް ހެދުމަށް އެ ރަށުގެ ރައްޔިތުން ފެނޭތޯ އެވެ.

އަދި އައްޑޫ ހުޅުދޫ އާއި މީދޫގައި ހުޅުމީދޫ ނަމުގައި އެއް ރަށު ކައުންސިލެއް ހެދުމަށް ފެނޭތޯ ބެލުމަށް ވެސް ނިންމާފައިވެ އެވެ.

ރައީސް އޮފީހުގެ ލިޔުމުގައި އައްޑޫ މަރަދޫ، މަރަދޫފޭދޫ، އަދި ހިތަދޫގެ ވާހަކައެއް ނެތެވެ. އެ ރަށްރަށުގައި ވޯޓު ނުނަގަނީތޯ ނުވަތަ ފަހުގެ ތާރީހެއްގައި ނަގަނީތޯ ސާފެއް ނުވެ އެވެ.

އައްޑު އަތޮޅު މި ވަގުތު ހިންގަނީ މި ހުރިހާ ރަށެއް ވެސް ހިމެނޭ ގޮތަށް އެއް ސިޓީ ކައުންސިލަކުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި ވޯޓު އިއުލާންކުރެއްވި ދުވަހު ފާހަގަކުރެއްވި ގޮތުގައި ހިތަދޫގައި 10,000 އަށް ވުރެ ބޮޑު އަބާދީއެއް އޮންނާތީ އެ ރަށުގައި ވަކި ސިޓީ ކައުންސިލެއް ވެސް ހެދޭނެ ކަމަށެވެ.

Leave a Reply