ދައުލަތުގެ އާންމު މަންފާއަށް ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތުގެ ދަށުން ހިންގާނެ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރަށް އިސްލާހު ގެންނަވައި މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ހުޅުވާލައިފި އެވެ.

މި އިސްލާހުތައް ހާމަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އާންމު ކުރެއްވި ގަރާރުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއް ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަން ޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކަނޑައަޅައި ނެރެފައިވާ ގަރާރަށް އިސްލާހު ގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި މީގެކުރިން އާންމުކޮށްފައިވާ ގޮތަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.

ގަރާރުގައި އެ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ހިންގުމަށް ނިންމާފައިވާ ސަރަހައްދު އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ހަރަދުކުރަން ޖެހޭނެ މިންވަރު ވަނީ ބަޔާންކުރައްވާފަ އެވެ.

މަޝްރޫއުތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއާޕޯޓު ތަރައްގީކުރުން ހިމެނެ އެވެ. އެ އެއާޕޯޓުތަކުގެ އިތުރުން ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްގީކުރުމާއި ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރަން ވެސް ވަނީ ހިމަނުއްވާފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލ. ގަމާއި އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް ވަނީ ނިންމަވާފަ އެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް ގާއިމުކުރަން ހަމަޖެހިފައިވާ “އުންމީދު/ހޯޕް އައިލެންޑް” މަޝްރޫއަށް ބޭނުންވާ 15 ހެކްޓަރުގެ ބިން ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްގީކުރުމަށް ވަނީ ހިމަނުއްވާފަ އެވެ. އެންމެ ކުޑަ އަގުގެ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއަށް 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) އަދި ހޯޕް އައިލެންޑް ތަރައްގީކުރަން 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) ވަނީ ކަނޑައަޅުއްވާފަ އެވެ.

ހަމަ އެ ފަޅުން، “ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް” މަޝްރޫއަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކައި، “ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް” ތަރައްގީކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ. ވަކިވަކިން ކުރިއަށް ގެންދެވުމަށް ކަނޑައަޅުއްވާފައިވާ އެ ދެ މަޝްރޫއަށް އެންމެ ކުޑަ އަގެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތައް ވެސް މި ސިޔާސަތުގެ ދަށުން ހިންގުމަށް ނިންމަވާފައިވެ އެވެ. މުޅި ރާއްޖެ ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެ މަޝްރޫއަށް ހަރަދު ކުރަން ޖެހޭ އެންމެ ދަށް މިންވަރެއް ކަމަށް ކަނޑައަޅުއްވާފައި ވަނީ 15 މިލިއަން ޑޮލަރު (231.3 މިލިއަން ރުފިޔާ) އެވެ.

ގަރާރުގައި ވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މުޅި ރާއްޖޭގައި ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށާ އަދި ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅުގެ އިތުރުން އުތުރު ތިލަފަޅުން ބިން ހިއްކުމަށް ހިމަނުއްވާފަ އެވެ. އެއިން ކޮންމެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެންމެ ދަށް މިންވަރުގެ ގޮތުގައި 5 މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ވަނީ ކަނޑައަޅުއްވާފަ އެވެ.

އޭގެ އިތުރުން ބިން ހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް ވަނީ ކަނޑައަޅުއްވާފަ އެވެ. މުޅި ރާއްޖެ ހިމެނޭހެން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހަރަދު ކުރަން ޖެހޭ އެންމެ ކުޑަ އަގެއް ކަމުގައި ކަނޑައަޅުއްވާފައި ވަނީ 5 މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) އެވެ.

އޭގެ އިތުރުން ކޯޒްވޭ ލިންކުތަކެއް އަޅައި ދިހަ ރަށެއް ގުޅާލުމުގެ މަޝްރޫއުތައް ހިންގުމަށް ވެސް ނިންމަވާފައިވެ އެވެ. އެއީ:

  • ތ. ވޭމަންޑޫ އާއި ކިނބިދޫ ގުޅާލުން
  • ތ. ދިޔަމިގިއްޔާއި މަޑިފުށި ގުޅާލުން
  • ލ. ހިތަދޫ އާއި ކުނަހަންދޫ ގުޅާލުން
  • ލ. ކަލައިދޫ އާއި ދަނބިދޫ ގުޅައިލުން
  • މ. މުއްޔާއި ނާލާފުށި ގުޅާލުން

މިއިން ކޮންމެ މަޝްރޫއަކަށް ހޭދަކުރަން ޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ 4 މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) އެވެ.

މި މަޝްރޫއުތަކުގެ އިތުރުން މުޅި ރާއްޖޭގައި ހައިޕާފޯމަންސް ސެންޓަރުތައް ގާއިމުކުރުމަށް ވެސް ވަނީ ހިމަނުއްވާފަ އެވެ. އެ މަޝްރޫއަށް ހަރަދު ކުރަން ޖެހޭ އެންމެ ކުޑަ އަގެއް ކަމުގައި ކަނޑައަޅުއްވާފައި ވަނީ 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ) އެވެ.

Leave a Reply

Your email address will not be published. Required fields are marked *