
ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތިން ބޭފުޅަކަށާއި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފިއެވެ.
ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައްޔިތުންގެ މެދުގައި ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ހޭލުންތެރިކުރުވުމަށް 1988ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7ވަނަ ދުވަހު ވުޖޫދަށް އައި ޝީ ޖަމިއްޔާއަށް މި ފަހަރުގެ އިނާމު ލިބިފައި ވަނީ ސިއްހީ ދާއިރާއިން އެ ފަރާތުން ކޮށްދީފައިވާ މަތިވެރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި، ޑރ. ނާއިލާ އިބްރާހީމް އަދި މުހައްމަދު ރަޝީދު އިސްވެ ތިއްބަވައިގެން އުފެއްދެވި މި ޖަމާއަތުން ވަނީ މީގެ ކުރިން އާންމު ހިދުމަތުގެ އިނާމު ވެސް ހާސިލުކޮށްފައެވެ.
މީގެ އިތުރުން، ދިވެހި ބަހާއި އަދަބިއްޔާތު ކުރިއެރުވުމުގެ ރޮނގުން އިނާމު ހާސިލުކުރެއްވީ މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް ޢާމިރު)އެވެ. އޭނާއަކީ ދިވެހި ބަސް ކިޔަވައިދޭނެ މަންހަޖު އެކުލަވާލުމާއި، ފޮތްތައް ލިޔެ އެޑިޓުކުރުމުގެ އިތުރުން ޅެންވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި 17 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރެކެވެ. ޢާމިރަށް 1999ވަނަ އަހަރު ޅެންވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެއެވެ.
އިމާރާތްކުރުމުގެ ސިނާއަތުގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ އިބްރާހީމް ރަޝީދަށް ވަނީ ކޮންސްޓްރަކްޝަން ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ދެއްވާފައެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ އެއް ބާނީއެވެ. 1995ގައި އާދައިގެ ވަޑާންގެއެއްގެ ގޮތުގައި ފެށި މި މަސައްކަތް، މިއަދު ފުޅާވެފައި ވަނީ އޭނާގެ ބުރަ މަސައްކަތުންނެވެ.
ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ދާއިރާއިން މި އަހަރުގެ ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރެއްވީ ބްރޯޑްކާސްޓިންގ ދާއިރާގައި 38 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ނަޖުމާ ހުސައިނެވެ. ދިވެހިރާއްޖޭގެ އަޑުން ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ނަޖުމާގެ އަޑުން ހުށަހަޅައިދީފައިވާ ޕްރޮގްރާމްތަކާއި ވާހަކަތައް، މިހާރުގެ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ވެސް އެހާމެ މަގުބޫލެވެ.






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































