އެކަނބަލުންގެ އަޑު އުފުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤުސަދުގައި، ސިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން އޮންލައިންކޮށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި “ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި އައު އިސްނެގުމަކީ އިޖުތިމާޢީ އިންސާފާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި އަންހެނުންގެ ނުފޫޒާއި ދައުރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ހަޤީޤަތަކަށް ހެދުމުގެ ގޮތުން ފެށި މަސައްކަތެއްކަމަށް ކަމާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން، ޤައުމީ ލެވެލްގައި ނިންމާ ނިންމުންތަކަކީ މިންތީގެ ހަމަހަމަކަން އެކުލެވޭ، އެންމެހާ ފަރާތްތަކުގެ ޝާމިލުވުން އޮންނަ ބިނާކުރަނިވި ނިންމުންތަކަކަށް ވެގެންދާނެއެވެ.

މި ނިޒާމު ފަރުމާކޮށްފައި ވަނީ ރަށު ފެންވަރުގައި ފާޅުކުރެވޭ އަންހެނުންގެ ޚިޔާލުތައް، އަތޮޅާއި ސިޓީތަކުގެ އިތުރުން ޤައުމީ ފެންވަރަށް ގެންގޮސްދޭ ފާލަމެއްގެ ގޮތުގައެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ގުޅުވާލަދޭ އަތޮޅު އަދި ސިޓީ މަންސަތަކެއް އުފައްދައި، އޭގެ ތެރެއިން ހޮވޭ މަންދޫބުންނާއެކު ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ ޖަމާޢަތްތައް ހިމެނޭހެން ޤައުމީ މަންސައެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ.

މި ޤައުމީ މަންސައިގެ އެންމެ މުހިންމު އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، “އަހަރީ އަންހެނުންގެ ސިޔާސަތުގެ އެޖެންޑާ” އެއް އެކުލަވާލައި، ޤައުމީ ތަރައްޤީގެ ޕްލޭންގެ ތެރެއިން އެކަންކަމަށް ޙައްލު ހޯދައިދިނުމެވެ. މި މަންސަ ވުޖޫދަށް ގެނައުމަށް ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ރާއްޖޭގެ ހުރިހާ ރަށަކާއި ސިޓީތަކެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މި ބައްދަލުވުމުގައި އަންހެނުންގެ ޙާލަތާއި، މިންތީގެ ހަމަހަމަކަމާއި އަދި ގުޅުންހުރި ޤާނޫނުތަކަށް ބައިވެރިން ހޭލުންތެރިކުރުމުގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Leave a Reply