ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓްކުރުމުގެ ރެކޯޑް އޮންނަ މަޝްހޫރު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ 50 ވަނަ ފިލްމު ގިލަންރޭ އޮލިމްޕަސް ސިނަމާގައި ވަރަށް ކުލަގަދަ ހަފްލާއަކާއެކު ޕްރެމިއާކޮށްފިއެވެ.

ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުންނާއި ބެލުންތެރިން ބައިވެރިވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފަންނާއި، ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ދިވެހި ފިލްމީ ސިނާއަތަށް އަމްޖޭ ކޮށްދީފައިވާ ބުރަ އަދި އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމަށް ޚާއްޞަ ހަރަކާތެއް ކުރިއަށްދިޔައެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ 20  ޕްރޮޑަކްޝަން ހައުސްއަކުން ގުޅިގެން، އަމްޖޭގެ ފަންނުވެރިކަމާއި ދެގޮތެއްނުވެ ދާއިރާގައި ދެމިހުރި ހީވާގިކަން ފާހަގަކޮށް އޭނާއަށް ޚިދުމަތުގެ އަގުވަޒަންކުރުމުގެ ބޮޑު ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.

“ގިލަން” އަކީ މީގެ އަހަރުތަކެއް ކުރިން އަމްޖޭ މަސައްކަތް ފަށާފައިވާ، އޭނާގެ ކެރިއަރުގެ އެންމެ މުހިންމު އެއް ފިލްމެވެ. މި ފިލްމު ބިނާކޮށްފައިވަނީ މަގުބޫލު ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ލިޔެފައިވާ މަޝްހޫރު ވާހަކައަށެވެ.
* ފިލްމުގެ ޖޯންރާ: މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން، ރޫހާނީ ހާދިސާތަކެއް ކިޔައިދޭ ސަސްޕެންސް ތުރިލާ އެކެވެ.
މިފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ރާއްޖޭގެ އެންމެ ފުންނާބުއުސް ތަރިންނެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތުމަތު އާޒިފާ (އަޒޫ) ، އަހުމަދު ސައީދު، އައިމިނަތު ނޫރާ، ދަރާ މުހައްމަދު ރަޝީދުގެ އިތުރުން މަރިޔަމް ޝަކީލާ ހިމެނެއެވެ.

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި، އެ ސިނަމާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއެކު ފިލްމުގެ ޓިކެޓް ބައްލަވައިގަންނަން ލިބޭނެއެވެ. އޮންލައިންކޮށް ޓިކެޓް ވިއްކަން ފެށުމާއެކު، ސިނަމާ ކައިރީގައި ދިގު ކިއޫތަކުގައި ނުޖެހި، ބެލުންތެރިން ބޭނުންވާ ދުވަހެއްގެ އަދި ބޭނުންވާ ޝޯއެއްގެ ޓިކެޓް އަވަހަށް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

މި ފިލްމު މާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްރަށުގައި އެޅުވުމުގެ ހުރިހާ އިންތިޒާމްތަކެއް ކުރަމުންދަނީ އައިލެންޑް ސިނަމާގެ ފަރާތުންނެވެ. އައިލެންޑް ސިނަމާއަކީ ދިވެހި ފިލްމުތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށާއި ރާއްޖެއިން ބޭރުގެ އެކި ގައުމުތަކުގައި ޕްރޮމޯޓްކޮށް އެޅުވުމުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ޕްރޮޑިއުސަރުންނާއި ބެލުންތެރިންގެ ފުރިހަމަ އިތުބާރު ހޯދާފައިވާ ޓީމެކެވެ.”ގިލަން” އަމިއްލަ ރަށެއްގައި އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން އައިލެންޑް ސިނަމާގެ ނަންބަރު 9111164  ނުވަތަ 7779621 އަށް ވައިބަރ ކުރެއްވުމަށް ފަރާތުން އެދެއެވެ.

Leave a Reply