
މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު 66 އަށް އަރާފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.
އެ އިދާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެކަނި ވެސް މާލެ ސަރަހައްދުން 44 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. މިއާ އެކު، ބަލި ފެތުރޭ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
ބަލި ކޮންޓްރޯލްކުރުމުގެ ގޮތުން އެޗްޕީއޭއިން ވަނީ ހުން އައުމާ އެކު ހަށިގަނޑުގައި ރަތްކުލައިގެ ބިހިތަކެއް ނަގާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެދިފައެވެ. އަދި ސިއްހީ ފަރުވާ ހޯދުމަށް ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ޒިޔާރަތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށް ވަނީ އިރުޝާދުދީފައެވެ. މީގެ އިތުރުން، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓުކުރާ ހާލަތްތަކުގައި ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ ގޮވާލާފައެވެ.
ހިމަބިހިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ފުރިހަމަކުރުމެވެ. މިގޮތުން، ރާއްޖޭގެ ގައުމީ ވެކްސިން ޝެޑިއުލްގެ ދަށުން ކުއްޖާއަށް ނުވަ މަސް ފުރޭއިރު ދޭ އެމްއާރު ވެކްސިނާއި އެމްއެމްއާރު ވެކްސިނަކީ ހިމަބިއްސާއި ރުބެއްލާއިން ދިފާއުވުމަށް ގަވާއިދުން ދެމުން އަންނަ މުހިންމު ވެކްސިންތަކެކެވެ.























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































