އާންމު ރައްޔިތުންނަށް ޑޮލަރު އިންވެސްޓްކޮށްގެން 25 އިންސައްތައާ ހަމައަށް ފައިދާ ލިބޭނެ އައު ޑިޖިޓަލް ޕްލެޓްފޯމެއް މިއަދު އެ ބޭންކުން އިފްތިތާޙުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބޭންކު (ބީއެމްއެލް)އިން ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި”އިންވެސްޓްމަންޓްސް”ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފަރުމާކޮށްފައިވާ މި ނިޒާމުގެ ދަށުން، ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ތަފާތު އިންވެސްޓްމެންޓް ޕޫލްތަކެއް ފެންނަން ހުންނާނެއެވެ. ބޭންކުން ހާމަކުރާ ގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިކުރާ ޑޮލަރަށްވާ ދިވެހި ފައިސާ ވަގުތުން ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެއެވެ. އަދި އޭގެ ފައިދާގެ ގޮތުގައި ލިބޭ މިންވަރު، ޖެހިގެން އަންނަ ދުވަހު ނުވަތަ މުޢާމަލާތް ފުރިހަމަވުމާ އެކު އެކައުންޓަށް ވަންނާނެއެވެ. މިއީ ވަރަށް ފަސޭހަކަމާ އެކު އޮންލައިންކޮށް އިންވެސްޓްކުރުމުގެ މުޢާމަލާތްތައް ނިންމާލެވޭނެހެން ހަމަޖައްސާފައިވާ ޚިދުމަތެކެވެ.

މިއަދު ކުރިއަށްދިޔަ “ޗެޓް ވިތު ސީއީއޯ” ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން، ބޭންކުގެ އިސްވެރިޔާ މުޙައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، މިއީ އީ-ކޮމާސް އާއި ބޭރުގެ މުޢާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ފެށި މުހިންމު މަސައްކަތެކެވެ. ޝަރީފް ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މި ސްކީމަށް ފައިސާ ދޫކުރުމުން، އެ ފައިސާ ބޭނުންކޮށްގެން ބޭންކުން ކުރާ ވިޔަފާރި މުޢާމަލާތްތަކުން ލިބޭ ފީގެ ބޮޑު ބައެއް، ޚަރަދުތައް ކެނޑުމަށް ފަހު އިންވެސްޓަރުންނަށް ރައްދުކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން ކާޑުގެ މުޢާމަލާތްތަކާއި މުދާ އެތެރެކުރުމަށް ކަސްޓަމަރުންނަށް ބޭނުންވާ ޑޮލަރު މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ބިނާވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ސީއީއޯ ވިދާޅުވެފައި ވަނީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކާޑު މެދުވެރިކޮށް ކުރާ މުޢާމަލާތްތައް 3.7 ގުނަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް 39.3 މިލިއަން ޑޮލަރު ބޭންކުން ވިއްކަމުންދާއިރު، މި ޚިދުމަތް ހޯދާ މީހުންގެ ނިސްބަތް ވެސް ދެގުނައަށް އުފުލިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަނީ މި އައު ޚިދުމަތް ބޭނުންކުރާނެ ގޮތުގެ ޢަމަލީ ތަޖުރިބާއެއް ވެސް ބައިވެރިންނާ ޙިއްސާކޮށްފައެވެ.

Leave a Reply