
ދިވެހިންގެ ސަގާފީ އަތްތެރި މަސައްކަތްތައް އާލާކޮށް ކުރިއެރުވުމުގެ މަޤުޞަދުގައި ބ. ތުޅާދޫގައި ތަރައްޤީކުރާ ކަލްޗަރަލް ސެންޓަރުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރެވުނު މި މަޝްރޫޢަކީ 24.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން 420 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މަޝްރޫޢެކެވެ. ކުންފުނިން މަޢުލޫމާތު ދޭގޮތުގައި، މިހާރު ވަނީ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަރުޙަލާ އެއްކޮށް ފުރިހަމަކޮށް، ތަނބުތައް ކޮޅަށްޖެހުމުގެ މަސައްކަތް ފަށާފައެވެ.
އިޤްތިޞާދީ ވުޒާރާގެ ބެލުމުގެ ދަށުން ދެ ފަންގިފިލާއަށް ފަރުމާކޮށްގެން ބިނާކުރާ މި މަރުކަޒުގައި ޢާއްމުންނަށް ހިތްފަސޭހަކޮށްލެވޭނެ ޚާއްޞަ ސަރަޙައްދަކާއި ކެފޭއެއް ހުންނާނެއެވެ. މިތަން ހުޅުވުމާ އެކު، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ލިޔެލާޖެހުމާއި، ލަކުޑީގެ މަސައްކަތްތަކުގެ އިތުރުން ގެތުމާއި ތަފާތު އަތްތެރި މަސައްކަތްތައް ދަސްކޮށްދޭ ޚާއްޞަ ތަމްރީނުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ލިޔެލާޖެހުމުގެ ފަންނަށް މުޅި ރާއްޖެއިން ވެސް އެންމެ މަޝްހޫރު ތުޅާދޫގައި މިފަދަ ޤައުމީ ފެންވަރުގެ މަރުކަޒެއް ބިނާކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މާޅޮސްމަޑުލު ދެކުނުބުރިއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ތުޅާދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ވަގުތު މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ދިވެހިންގެ އަމިއްލަވަންތަ މި ސަގާފަތް ނެތިދިޔަނުދީ ހިފެހެއްޓުމަށް ތުޅާދޫ ރައްޔިތުން މެދުކެނޑުމެއްނެތި އަންނަނީ ފާހަގަކޮށްލެވޭ ފަދަ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































