
ސިނގިރޭޓާއި ބިޑީގެ ޑިއުޓީއަށް ގެނައި ބަދަލަކީ ދުންފަތުގެ އިސްތިއުމާލުކުރަން އާދަވެފައި ތިބި މީހުން މާ ނުރައްކާތެރި ބާވަތްތައް ބޭނުންކުރުން ހުއްޓުވަންކުރި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ، ސިނގިރޭޓުގެ ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމުގެ އިތުރުން ބިޑީގެ ޑިއުޓީ 4 ރުފިޔާއަށް ހޯދުމަށާއި ދުންފަތާއި ދުރުވާން ބޭނުންކުރާ ތަކެތިން ޑިއުޓީ ކަނޑާލުމެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވަށައިޖެހޭ ސިއްހީ ސިޔާސަތު ތަކެއްގެ ތެރެއިން ދުންފަތާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދަނީ މަރުހަލާތަކެއްގެ ތެރެއިން ކަމަށެވެ.
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމުގެ އިތުރުން ބިޑިން ޑިއުޓީ ނެގުމާއި ދުންފަތާ ދުރުވާން ބޭނުންކުރާ ވަސީލަތްތަކުން ޑިއުޓީ ކަނޑާލަން ވެސް ހުށަހަޅާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ.
“ވަރަށް ތަފްސީލީ ގޮތެއްގައި ކެބިނެޓްގައި މަޝްވަރާކޮށް، އެ ކަމުގައި ހުރި ފަންނީ ދިރާސާތައް ވެސް ބަލާފައި މި ބަދަލުތައް ގާނޫނަށް ހުށަހެޅީ، މަރުހަލާތަކެއް ދެއްތޯ ކުރިއަށް މި ދަނީ. އަޅުގަނޑުމެންގެ މުޖުތަމައަކީ ދުޅަހެޔޮ މުޖުތަމައަކަށް ހަދަން ވަށައިޖެހޭ ސިއްހީ ސިޔާސަތެއްގެ ތެރެއިން,” ރައީސް ވިދާޅުވި އެވެ.
ފުރަތަމަ ކަމަކަށް ޒުވާން އުމުރުގައި ސިނގިރޭޓާ ދުރު ކުރަން ވެގެން ޖެނެރޭޝަނަލް ބޭންްއެއް ތައާރަފުކޮށް، ރާއްޖޭގައި ފެތުރެމުންދިޔަ ނުރައްކަލެއް ކަމަށް ވޭޕް މަނާކުރިކަން ފާހަގަކުރެއްވިއެވެ.އެ ކަން ކުރުމުގެ ތެރެއިން ސަރުކާރަށް ދެން ވިސްނުނު ކަމަކީ، އެ ފިޔަވަޅުތަކުގެ ސަބަބުން ދުންފަތުގެ ބައެއް ވައްތަރުތައް ބޭނުންކުރާ ވަރު އާދަޔާ ޚިލާފަށް އިތުރުވެދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން މި ވިސްނީ މި ބަދަލު ގެނެސްގެން މިއީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން. އަޅުގަނޑުމެން ވިސްނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ހުއްޓުވުމަށް ޓަކައި ވަށައިޖެހޭ ޕްރޮގްރާމެއް ކުރިއަށް މި ގެންދަނީ,” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސިނގިރޭޓާއި ދުރުކުރުމަށް ހޭލުންތެރިކަން އުފެއްދުމާއި ސިނގިރޭޓާއި ދުރު ކުރުމުގެ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން ކާމިޔާބުކުރާ މަދަނީ ޖަމިއްޔާތައް ބާރުވެރިކޮށް ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ދެމުން ދާނެ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން އާދަވެފައި ތިބި މީހުން މާ ބޮޑަށް ސިއްހަތަށް ގެއްލުންވާ ތަކެތި ބޭނުންކުރާ ކަމަށާއި އެ ކަން ހުއްޓުވަން ވެގެން ވެސް މި ސްޓެޕް ނަގަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































