
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދެކޮޅަށް 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ހޯއްދެވުމުގެ ބޭނުމުގައި، ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން މަސައްކަތްކުރައްވަން އުޅުއްވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މުންދު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ދެ އަހަރެއްހާ ދުވަހު ސިޔާސީ މައިދާނުން ގެއްލިފައި ތިބި ގިނަ ބަޔަކު ކުއްލިއަކަށް ނުކުމެ ސަރުކާރަށް ފާޑުކިޔަން ވަނީ ފަށާފައެވެ. އަދި ނޫސްވެރިންގެ ޙައްޤުތަކުގެ ނަމުގައި ކުރީގެ ރައީސުން އެކުލަވާލަން އުޅުއްވާ އިއްތިޙާދުގެ ހަގީގީ މަގުސަދަކީ ދެވަނަ ދައުރަކަށް ރައީސް މުޢިއްޒު ނުކުމެވަޑައިގަންނަވާއިރު، އެމަނިކުފާނާ ދެކޮޅަށް ނުކުންނަވާނެ ކެންޑިޑޭޓަކަށް ވުމަށް ކުރައްވާ މަސައްކަތެއްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މުންދު އިތުރަށް ވިދާޅުވި ގޮތުގައި، އެއްބޭފުޅަކު އަނެއް ބޭފުޅަކު ހައްޔަރުކޮށް، އެންމެ ބޮޑެތި ވާދަވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު އެކުގައި މަސައްކަތްކުރައްވަން ނިންމެވުމަކީ ހައިރާންކުރުވަނިވި ކަމެކެވެ. އަދި އެ ބޭފުޅުންގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތުން ރައްޔިތުން ދެވަނަ ދައުރެއް ދީފައިނުވުމަކީ ވިސްނާލަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ވެސް 2028ވަނަ އަހަރުގެ ރިޔާސީ ޓިކެޓަށް އެމްޑީޕީގެ އެތެރޭގައި ފައްޔާޒާއި ރައީސް ޞާލިޙް އަދި ޢަބްދުﷲ ޝާހިދުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮތްކަމަށް އަޑުފެތުރިފައިވާއިރު، ރައީސް ޔާމީން ވެސް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާނުކުރައްވާފައެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































