އިރާނުން އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ސްވިޒަލެންޑްގެ ޖެނިވާގައި މިއަދު ކުރިއަށް ދިޔަ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން އިރާނުން ތަނެއް ދޮރެއް ބަލާނުލައި ސައުދީ އަރަބިއްޔާ، ގަތަރު، ބަހުރެއިން، ކުވައިތު، އޮމާންއަށް ހަމަލާތައް ދެމުންދާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އަދި އެމެރިކާއާއި އިސްރާއިލުން އިރާނަށް ދެމުންދާ ހަމަލާތައް ވެސް އެކަމަނާ ކުށްވެރިކުރެއްވިއެވެ.

އަދި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓުވަން ބާރުއަޅަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ.

އިސްރާއިލާއި އެމެރިކާއިން މިދިޔަ މަހުގެ 28ވަނަ ދުވަހު އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހުޅުފަޅައިގެން ގޮސް އިރާނުން މިހާރު ދަނީ ރައްދުގައި އިސްރާއިލަށާއި މެދު އިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އަދި ހަނގުރާމަ ހުއްޓުމުގެ ކޮޅުމަތި ނުފެންނަ އިރު ހަނގުރާމަ އިތުރަށް ފުޅާވަމުންދާކަމުގެ ހެކިތައް ދަނީ ފެންނަމުންނެވެ.

Leave a Reply