ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ދަންވަރުގެ ވަގުތުގައި ރަށުތެރޭގައި ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ.

އެހެންކަމުން، ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމައަށް، އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، އެމީހުންނާއި ސުވާލުކޮށް، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ފާހަގަވާނަމަ، އެކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުން ވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ވަގުތުތަކުގައި ބިދޭސީން އެއްވެ، އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ބައެއް ކަންކަން ހިންގަމުންދާކަން ފާހަގަވާކަމުގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

Leave a Reply