ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ފޮރޭ މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ބެރީ ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރުފުޅުކަން ވެސް މިނިސްޓްރީ ފާހަގަކުރެއްވިއެވެ.

ބެރީ ރާއްޖެ ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން ސެކެޓްރީ ފާތިމަތު އިނާޔާ އަދި އެ މިނިސްޓްރީގެ ބޭފުޅުންނެވެ.

ބެރީގެ މި ދަތުރުފުޅުގައި އިރުތިޝާމްއާ ބައްދަލުކުރައްވައި ރާއްޖެއާއި ސީޝެލްސްއަށް މުހިންމު ދާއިރާތަކުން ބައިލެޓަރަލް އަދި މަލްޓި ލެޓެރަލް ގުޅުންތައް އިތުރަށް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސީޝެލްސްގެ ފޮރިން މިނިސްޓަރުގެ ދަތުފުޅާއެކު އެންމެ ކުދި ގައުމުތަކާއެކު ރާއްޖެއިން ގުޅުން ބަދަހިކުރަން އިސްކަންދޭކަން ހާމަވެގެން ހިނގައްޖެކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Leave a Reply