ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް އެފަދައިން ޔަގީންކަން ދެއްވީ  މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ އެ ޕޯސްޓުގައި، ނަރުހުން ގައުމަށް ކޮށްދެއްވަމުން ގެންދަވާ އަގުނުކުރެވޭފަދަ ހިދުމަތްތަކަށްޓަކައި ހުރިހާ ނަރުހުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

އަދި ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވައި، ނަރުހުންގެ ދުޅަހެޔޮކަމަށް އިސްކަންދެއްވާނެ ކަމަށާއަި ނަރުހުންގެ ފަންނީ އަދި ފަރުދީ ކުރިއެރުމަށް، މި ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ސިއްހީ ނިޒާމެއްގެ ބިންގަލަކީ ނަރުހުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސިއްހީ ނިޒާމަކީ މުސްތަގުބަލުގައި މިހާރަށްވުރެ ހަރުދަނާ އަދި ވިލުންތެރި ނިޒާމަކަށް ހެއްދުވުމަށްޓަކައި ނަރުހުންގެ މަސައްކަތުގެ މާހައުލާއި އިނާޔަތްތައް ރަނގަޅުކުރުމަށާއި، ސިޔާސަތުތައް ހަރުދަނާކުރުމުގެ އިތުރުން ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދާވާކަން ހާމަކުރައްވާފައެވެ.

އަދި ބަލިމީހުންނަށް ފަރުވާދިނުމާއި، ބަލިތަކުން ޝިފާލިބިގަތުމާއި، ބަލިން ރައްކާތެރިވުމުގައްޔާއި، މުޖުތަމައުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި ނަރުހުން އަދާކުރާ މުހިންމު ދައުރަށް އެމަނިކުފާނު ތަޢުރީފު ކުރެއްވިއެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މީސްމީޑިއާގައި އާންމުކުރެއްވި މެސެޖުގައިވެސް ވަނީ ނަރުހުންގެ މަސައްކަތުގެ އަގުވަޒަންކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ނަރުހުންގެ ކެތްތެރިކަމާއި ފަންނީ ހުނަރުވެރިކަމަކީ ސިއްހީ ނިޒާމުގެ ހިތްކަމުގައި ސިފަކުރެއްވިއެވެ.

Leave a Reply