ސިވިލް ސާވަންޓުންނާއި ޖުޑީޝަރީ އާއި ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައި ނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

“މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި،” ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އަންނަ ނޮވެމްބަރު މަހު ސިވިލް ސާވެންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަން ރައީސް އިއުލާން ކުރެއްވި ނަމަވެސް މުސާރަ ބޮޑުވާ މިންވަރުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

Leave a Reply