
ރަށްރަށުގައި ވެސް މީހުން ދިރިއުޅޭ ސަރަހައްދާ ދުރު ތަންތަނުގައި ނޫނީ ކެމިކަލް ގުދަން ނުކުރެވޭގޮތް ހަދަން ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން އެފަދައިން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެގޮތުން ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކޮށް މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްގީކުރުމުގެ ހުއްދަ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުން ކަމުގައި ވެސް ވަނީ ނިންމައިފައެވެ.
ކެމިކަލް ގުދަންތަކަކީ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު އޮންނަ ތަނަކަށްވާ އިރު 2019ވަނަ އަހަރު ހެންވޭރު އަބަދަށްފެހިމަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެހެންވެ އާންމު ދިރިއުޅޭ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިމިގެން ދިޔަ ސަރުކާރުގައި އޮތީ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ފަށައިފައެވެ.
އެގޮތުން މާލޭގައި ކެމިކަލް ރައްކާކުރާ ގިނަ އަދަދެއްގެ ތަންތަން ދަނީ ތިލަފުށީގައި އެކަމަށް ހާއްސަކޮށްފައިވާ ގުދަންތަކަށް ބަދަލުކުރަމުންނެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































