ރާއްޖޭގެ އާބާދީ ބޮޑެތި ރަށްތަކާއި ސިޓީތަކުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފިހާރަތައް ހުޅުވުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހާމިދު ނަޒީމު އިބްރާހީމް ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭނީ މީހުން ގިނައިން އުޅޭ މަރުކަޒީ ރަށްތަކަށެވެ. އަދި މީގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ އުފެއްދުންތައް ގަންނަން ލިބޭނެ ދަތިކަން ޙައްލުކޮށް، ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން މާލެއެކޭ އެއްފަދައިން ރަށްރަށުގައި ވެސް ޚިދުމަތް ދިނުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި މެއި މަހުގެ ތެރޭގައި ވަނީ އައްޑޫ ސިޓީގެ ހިތަދޫގައި މިފްކޯގެ އައުޓްލެޓެއް ޤާއިމުކޮށްފައެވެ. މިއީ މާލެއިން ބޭރުގައި މިގޮތަށް ހުޅުވުނު ފުރަތަމަ ފިހާރަކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް ފުޅާކުރުމުގެ އިތުރުން، ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ ބޭރު ޤައުމުތަކަށް ވެސް މިފްކޯގެ ވިޔަފާރި އަންނަނީ ފުޅާކުރަމުންނެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅުވައިގެން، އެ ޤައުމުގައި ވެސް ވަނީ މިފްކޯގެ ފިހާރައެއް ހުޅުވާފައެވެ.

އަވަށްޓެރި ސްރީލަންކާގައި ފެށި މި ވިޔަފާރީގެ ތެރެއިން، މަޝްހޫރު ‘ފަސްމީރު’ ބްރޭންޑުގެ ގިނަ އުފެއްދުންތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އޭގެ ތެރޭގައި ތަފާތު ވައްތަރުގެ މަސްދަޅާއި، ވަޅޯމަހާއި، ރިހާކުރުގެ އިތުރުން ޕެކެޓުގައި ބަންދުކޮށްފައި ހުންނަ މުގުރިމަސް ހިމެނެއެވެ.

Leave a Reply