
މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ. ނައިފަރުން ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ ނައިފަރު ގެ އެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
ޖޫން 25ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރުގެ ދަށުން ނައިފަރު ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ.ނައިފަރު / ނޭޒާ، އާދަމް ޙަސަންފުޅު، (41އ) އާއި ޅ.ނައިފަރު / މުރަނގަމާގެ، މުޙައްމަދު ޝިފާޒު (36އ) އާއި ސޭމް ސަޖޫ، އިންޑިއާ (28އ)އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































