
މި އަހަރުގެ މިހާތަނަށް ދައުލަތުން ސަބްސިޑީ ދޭން 758.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 758.3 މިލިއަން ރުފިޔާ ސަބްސިޑީ ދޭން ހަރަދު ކުރިިއިރު މިދިޔަ އަހަރު މި އަދަދު ހުރީ 818.9 މިލިއަން ރުފިޔާގަ އެވެ. އަދި މި އަހަރު ސަބްސިޑީގެ ގޮތުގައި 2,890.0 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ރާއްޖޭގައި އެކި ބާވަތްތަކުގެ ސަބްސިޑީދެ އެވެ. ކަރަންޓުގެ ސަބްސިޑީއަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލުނަސް، ކަރަންޓު ބިލަށް ކުރާ އަސަރު ކުޑަކުރުމަށް ދެވޭ އެހީ އެވެ. އަދި ކަރަންޓު ޔުނިޓަކަށް ޖެހޭ އަސްލު އަގާއި ބިލްކުރާ އަގާ ދެމެދު ހުންނަ ތަފާތު ސަރުކާރުން ދެއްކުމެވެ.
އާންމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް) ރާއްޖޭގެ ހުރިހާ ރަށަކުން އެއް އަގެއްގައި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އެސްޓީއޯ އަށް ސަބްސިޑީ ދެއެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވިޔަސް، ރާއްޖޭގައި ކާޑުގެ އަގު އެއްވަރެއްގައި ހިފެހެއްޓެއެވެ. އަދި އާސަންދައަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރުމަށް ދެވޭ “އިންޑައިރެކްޓް” ސަބްސިޑީއެކެވެ. ބަލިމީހާ ކުރަންޖެހޭ ޚަރަދު ސަރުކާރުން އާސަންދަ މެދުވެރިކޮށް ހޮސްޕިޓަލްތަކަށް ދައްކަ އެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































