ރާއްޖޭގެ ސްކޫލުތަކުގައި ދެ ޖިންސު ވަކިކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ތަޢުލީމީ ނިޒާމް އިޞްލާޙުކޮށްދިނުމަށް ޢިލްމުވެރިންގެ ގުޅުމުން އެދިއްޖެއެވެ.

ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއަށް ފޮނުއްވި ސިޓީގައި ބުނީ، 2008ވަނަ އަހަރާ ހަމައަށް ސްކޫލުތަކުގައި އޮތީ ދެ ޖިންސުގެ ކުދިން ވީހާ ވެސް ބޮޑަށް ވަކި ކުރެވިފައި ކަމަށާއި އައު ސަރުކާރެއް ދައުލަތުގެ ހިންގުމާ ހަވާލުވެ، ތަޢުލީމީ ދާއިރާއަށް އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ޘަޤާފަތާ ބީރަށްޓެހި، ސެކިއުލަރ ފިކުރުތަކާ އެއްގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން ދާދިފަހުން މީސްމީޑިއާގައި ފެތުރުނު ވީޑިއޯއިން ފެނިގެން ގޮސްފައިވާ މަންޒަރުތަކަކީ އަޚްލާޤީ ދަށުދަރަޖައިގެ ޢަމަލެއް ކަމަށާއި އެފަދަ ނޭދެވޭ އަސަރުތައް ދަރިވަރުންގެ އަޚްލާޤާއި ސުލޫކަށް ކުރާނީ ދެ ޖިންސު މައްސުނިވުމުގެ ސަބަބުންކަން ވަނީ އެ ސިޓީގައި ފާހަގަކޮށްފައެވެ. އަދި ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގެ މުއްސަސާތަކުން (ހަވަރޑް ޔުނިވަރސިޓީ، ބީބީސީ)ހަދާފައިވާ ދިރާސާތަކާއި ކީރިތި މާތް ނަބިއްޔާގެ ޒަމާނުގެ ބައެއް ޙާދިޘާތަކުން ވެސް ދެ ޖިންސު މައްސުނި ކުރުމުގެ ނޭދެވޭ އަސަރުތައް ވަނީ ބަޔާކޮށްފައެވެ.

އެހެންކަމުން ރާއްޖޭގެ ސްކޫލުތަކަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދަރިވަރުން ތަރުބިއްޔަތުކުރާ ތަންތަނަށް ހަދައިދެއްވައި، ތަޢުލީމީ ނިޒާމު އިޞްލާޙުކޮށްދިނުމަށް ޢިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply