އާންމު ބައްދަލުވުމެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫނަށް ފުރައްސާރަކޮށް ދެއްކި ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ހެންވޭރު ރައްޔިތުންނާއެކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރު ޝުޖޫނަށް ފުރައްސާކުރީ ޝެއިހު އިޔާޒް އަބްދުއްލަތީފްގެ ބައްޕަ، އަބްދުއްލަތީފް އުމަރެވެ.

އޭނާ ފާޑުކިޔާފައި ވަނީ ފަނޑިޔާރު ޝުޖޫން ބުރުގާ ނާޅުއްވައި އެފަދަ މަގާމެއްގައި އިންނެވުމުންނެވެ. އޭނާ ބުނެފައި ވަނީ އައުރަ ނިވާ ނުކުރާ ބޭފުޅުން އެފަދަ މަގާމުތަކުގައި ތިބެގެން ނުވާނެ ކަމަށާއި، އެފަދަ ބޭފުޅުން ދާންޖެހޭނީ މަސާޖު ޕާލާފަދަ ތަންތަނަށް ކަމަށެވެ.

އެކަން ކުށްވެރިކޮށް އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަންހެނުންގެ ކަރާމާތާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މޭރުމަކުން ދައްކާފައި ވަނީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ.

ފަނޑިޔާރު ޝުޖޫންފަދަ އިލްމީ، ގާބިލު އަންހެން ބޭފުޅުންނަށް އަމާޒުކޮށް ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވޭ ބަސްމަގު ބޭނުންކުރުމަކީ އަންހެނުންގެ ކުރިމަގަށާއި ހައްގުތައް ކަށަވަރު ކުރުމަށް އޮތް ހުރަހެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަދި މިފަދަ ފުރައްސާރައިގެ ސަބަބުން ގައުމީ ހިދުމަތަށް ނުކުންނަން ބޭނުންވާ އެހެން އަންހެނުން ފަސްޖެހި، އެމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން މި ނޫންވެސް އާންމު މަންސަތަކުގައި، އިންސާނީ ކަރާމާތާއި އަނެކުންގެ ގަދަރާއި ޝަރަފަށް އުނިކަން އަންނަ މިބާވަތުގެ ވާހަކަތައް ނުދެއްކުމަށް އެކޮމިޝަނުން ވަނީ ގޮވާލައިފައެވެ.

Leave a Reply