މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން 150،000 ރުފިޔާ ހޯދައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މައްސަލަ މި ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.

މީގެ އިތުރުން އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ވަނީ ހަވާލުކޮށްފައިވާ ކަމަށާއި  40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Leave a Reply