ނަމާދުކުރާ އިރު ނަމާދުކުރާ މީހާގެ ކުރިމަތިން މީހުން ދިއުން ހުއްޓުވަން ފަދަ ކަންކަމަށް ބޭނުންކުރާ ސުތުރާ އެކި ސިފަސިފައިގައި ހަދައިގެން އުޅޭތީ އެފަދަ ތަކެތި މިސްކިތްތަކުން ނަގަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ ސުތުރާތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

ރަސޫލާގެ ހަޔާތްޕުޅުގައާއި އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ގަރުނުގައި ވެސް ފާޑު ފާޑުގެ ސިފަސިފައަށް ސުތުރާ ހަދައިގެން ގެންގުޅެފައި ނުވާކަމަށާއި އެހެންވެ ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ހިލާފު އެފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއްނޫން ކަމަށެވެ.

“މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް އަމަލުކުރުން މާ ރަނގަޅުވާނެ. އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުން. މިގޮތުން އަމަލުކުރުމުން ސީދާ ސުންނަތާ އެއްގޮތައް މިކަން ބަދަލުވެގެންދާނެ ކަމަށް ފެނޭ.” މިނިސްޓަރު ވިދާޅުވިއެވެ.

ސުތުރާގެ ގޮތުގައި ވަކިން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވަނީ ފަތުވާއެއް ވެސް ނެރެފައެވެ.

Leave a Reply