
ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ތެލާއި ކާބޯތަކެތީގެ ތަދުމަޑުކަން ކުރިމަތިވެ ބައެއް ޚިދުމަތްތައް ހުއްޓުމަކަށް އައި ނަމަވެސް، ސަރުކާރުން ދުރާލާ އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު ރާއްޖެއަށް އެފަދަ އެއްވެސް ދަތިކަމެއް ކުރިމަތިނުވެ ސަލާމަތްވެއްޖެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން، އިޤްތިޞާދީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކުގައި ތެޔޮ ހުސްވެ ފްލައިޓްތައް ހުއްޓުމަކަށް އައިއިރު، އަދި އަވައްޓެރި އިންޑިއާ ފަދަ ގައުމުތަކުގައި ތެޔޮ ވިއްކުން ލިމިޓްކޮށް ބައެއް ވަގުތުތަކުގައި ކޮންޓްރޯލް ކުރި ނަމަވެސް، ރާއްޖެއަށް ބަރާބަރަށް ތެޔޮ ގެނެވިފައިވާ ކަމަށެވެ. އަދި ބޭރުގެ ބައެއް ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ވެސް މެދުކަނޑާލަން ޖެހުނު ކަމަށާއި، ނަމަވެސް ރާއްޖޭގައި އެފަދަ ހާލަތެއް މެދުވެރިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މިފަދަ ބޮޑު ކާރިސާއަކުން ގައުމު ސަލާމަތްކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ޚާއްސަ ‘ކްރައިސިސް ކޮމިޓީ’ގެ ބެލުމުގެ ދަށުން، ތެލާއި ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމުތައް ދުރާލާ ހަމަޖެއްސެވުމުން ކަމަށް ޝިމާދު ވިދާޅުވިއެވެ. އެގޮތުން އެސްޓީއޯއާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން މަސައްކަތްކޮށް، ރާއްޖެ ތެލަށް ޖެހުނަ ނުދިނުމަށް ވަރަށް ފުރިހަމައަށް އިންތިޒާމުތައް ރޭވިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ބާޒާރުގައި އަގުތައް އިންތިހާއަށް އުފުލިގެން ދިޔައީ އެމެރިކާއާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައިގެ ސަބަބުންކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ، މުދާ އުފުލުމުގެ އަގުތައް ހީނުކުރާހާ މައްޗަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ބޯޓުތަކުން އާންމު އިންޝުއަރެންސް ހުއްޓާލައި، އަގުބޮޑު ‘ވޯ ރިސްކް’ އިންޝުއަރެންސް ނަގަން މަޖުބޫރުވި ކަމަށާއި، މީގެ ކުރިން ބޯޓު ޗާޓަރު ކުރުމަށް ނަގަމުން އައި 600،000 ޑޮލަރުގެ ފީ، 950،000 ޑޮލަރަށް (50 ޕަސެންޓް) އުފުލިގެން ދިޔަކަން އޭނާ ހާމަކުރެއްވިއެވެ.
2008ވަނަ އަހަރުގެ މާލީ ކާރިސާގައި ފިނޭންސް މިނިސްޓްރީގެ ދަރަންޏާބެހޭ ބައިގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވިކަން ފާހަގަކުރައްވައި ޝިމާދު ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވި ގިނަ ކްރައިސިސްތަކެއްގައި ސަރުކާރުގައި މަސައްކަތް ކުރެއްވިފައިވީ ނަމަވެސް، މިއީ އޭނާގެ ތަޖުރިބާގައިވެސް ދުނިޔެއަށާއި ރާއްޖޭގެ އިޤްތިޞާދަށް މިހާ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































