
ކޮވިޑް-19 ގެ ކުރިން ބޭރަށް ދަތުރުކުރާ މީހުންނާއި އޮންލައިން ވިޔަފާރިއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ ކާޑުތައް ބޭނުންކުރާ މީހުންގެ އަދަދު 90،000ގައި ހުރި ނަމަވެސް، މިހާރު ބައެއް މަސްމަހު އެ އަދަދު 300،000 އަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު ވިދާޅުވީ، ރުފިޔާ ކާޑުތަކުން މިހާރު އެންމެ ދަށްކޮށް ވެސް 280،000 ކަސްޓަމަރުން ފޮރިން ޓްރާންސެކްޝަން ހަދާ ކަމަށެވެ. އަދި ބޭންކުން މިހާރު ވެސް މި އަދަދުތަކަށް ކޭޓާ ކުރަމުން އަންނަ ކަމަށާއި، މިހާރު ހުރި ދަތިތަކުން އަރައިގަނެވިއްޖެނަމަ ކާޑު ލިމިޓުތައް ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ބޭރުގެ މުއާމަލާތްތައް އިތުރުވެފައިވާއިރު، ޑޮލަރު ވިއްކާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ބީއެމްއެލްގެ ހިސާބުތަކުން ދައްކާގޮތުގައި ޓީޓީ އަދި ކާޑުގެ މުއާމަލާތްތައް ހިމެނޭހެން ކޮންމެ ދުވަހަކުވެސް 2.7 މިލިއަން ޑޮލަރު ވިއްކައެވެ. އަދި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް 570 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.
މީގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ތައުލީމީ ދާއިރާއަށް މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މަހަކު 3.6 މިލިއަން ޑޮލަރު ދޫކުރަމުން އަންނައިރު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދޫކުރާ ޑޮލަރުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިދިޔަ އަހަރު ސިއްހީ ފަރުވާއަށް މަހަކު އެއް މިލިއަން ޑޮލަރު ވިއްކި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 3 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ޑޮލަރުގެ ޑިމާންޑް ބޮޑުވެފައިވާއިރު، އޭޓީއެމްތަކުން ޑޮލަރު ނަގާ މިންވަރާއި ޖަމާކުރާ މިންވަރުގެ ފަރަގު ވެސް ވަރަށް ބޮޑެވެ. ސައީދު ފާހަގަކުރެއްވި ގޮތުގައި ކުރިން 86 އޭޓީއެމް އިން ދުވާލަކު އާންމުކޮށް 1.6 މިލިއަން ޑޮލަރު ނަގާއިރު، ޖަމާކުރަނީ އެންމެ 600،000 ޑޮލަރެވެ. ނަމަވެސް މިދިޔަ މަހު އޭޓީއެމްތަކުން ނެގި ޑޮލަރުގެ އަދަދު 188 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.
މުޅި ރާއްޖޭގެ އިގްތިސާދާއި ބީއެމްއެލްއާ އޮތް ގުޅުމަށް އަލިއަޅުވާލައްވަމުން ސައީދު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއެކޭ އެއްފަދައިން ބޭންކަށް ވެސް ކުރާނެ ކަމަށެވެ.
“އާއްމުކޮށް ކޯރިލޭޝަން އެކެއްނަމަ އެއީ 100 ޕަސެންޓް ގުޅުމެއް. އަޅުގަނޑުމެންނާ ރާއްޖޭގެ އިގްތިސާދާ މި އޮންނަނީ 0.96 ޕަސެންޓް. އެހެންވެ ގުޅިފައި އޮތްވަރު ފެނޭ،” އޭނާ ވިދާޅުވިއެވެ.
ބޭންކުން ލޯނު ދޫކުރާ މިންވަރަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 9 ބިލިއަން ރުފިޔާގެ ލޯނާއި، 270 މިލިއަން ޑޮލަރުގެ ލޯނު ވަނީ ދޫކޮށްފައެވެ. މިއީ މިދިޔަ މުޅި އަހަރު ދޫކުރި 10 ބިލިއަން ރުފިޔާގެ ލޯނާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































