މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން އެކުލަވައިލި އައު ޤަވާއިދެއް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް މިއަދުން ފެށިގެން އެއަށް ޢަމަލުކުރަން ފަށައިފިއެވެ.

ކްލައިމެޓް އިމަރޖެންސީ ޤާނޫނުގެ ދަށުން ބާރުލިބިގެން ހަދާފައިވާ މި އުސޫލުގެ މައިގަނޑު އަމާޒަކީ، ތިމާވެށްޓަށް ގެއްލުންދޭ ގޭސްތައް ދޫކުރާ މިންވަރު ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ އިދާރީ އޮނިގަނޑު އެކަށައެޅުމެވެ. މީގެ ސަބަބުން، ދައުލަތުގެ އެކި މުއައްސަސާތަކުގެ މެދުގައި ފަސޭހަކަމާ އެކު މިފަދަ ޑޭޓާތައް ބަދަލުކުރެވޭނެ މަގު ތަނަވަސްވެ، ކަންކަން މޮނިޓަރކުރުން ހަރުދަނާވެގެންދާނެއެވެ.

މީގެ އިތުރުން، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން ވެފައިވާ ތިމާވެށީގެ ވަޢުދުތަކާއި މުޢާހަދާތަކުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ފުރިހަމަކުރުމަށް މި ޤަވާއިދުގެ ސަބަބުން ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ. އެގޮތުން، ރާއްޖޭގެ ކާބަން ފުޓްޕްރިންޓްގެ ޙާލަތު އެންމެ ފުރިހަމަ ގޮތުގައި އަދާހަމަކުރެވި، ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ރާއްޖޭގެ ޙާލަތު ސާފުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.

މި ނިޒާމުގެ ތެރެއިން މަޢުލޫމާތު އެއްކުރުމުގެ ޒިންމާ ގިނަ ފަރާތްތަކަކާ ވަނީ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި، ޔުޓިލިޓީ އަދި އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ، ކަސްޓަމްސް، ތަފާސްހިސާބާބެހޭ އިދާރާ، އަދި ކަނޑާއި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތައް ހިމެނެއެވެ. ހަމައެއާ އެކު، ސިނާޢީ މަސައްކަތްކުރާ ކާރުޚާނާތަކާއި، ހަކަތަ އުފައްދައި އެތެރެކުރާ ފަރާތްތަކުގެ އިތުރުން ފިނިކުރާ ނިޒާމުތައް މަރާމާތުކުރާ ފަރާތްތަކުންވެސް މި ޤަވާއިދަށް ބޯލަނބައި، ބޭނުންވާ ހިސާބުތައް ފޯރުކޮށްދޭން ޖެހޭނެއެވެ.

Leave a Reply