ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީއަށް ޖާގަދީފައި ވަނީ ގަވާއިދުން ލިބެންޖެހޭ މިންވަރަށްވުރެ މާ ދީލަތިކޮށް ކަމަށާއި، އެ ޕާޓީއަކީ ކޮށްދޭ ރަނގަޅު ކަންކަން ބަލައިގަންނަ ބައެއް ނޫންކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ފަލާޙް މިފަދައިން ވިދާޅުވެފައި ވަނީ، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުﷲ ޞާދިޤަށް އެއްވެސް ކޮމިޓީއަކުން ޖާގަ ނުލިބޭކަމަށް ބުނެ އެ ޕާޓީގެ މެންބަރުން އިއްޔެގެ ޖަލްސާގައި އަޑުގަދަކޮށް އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ. މި ހަމަނުޖެހުމުގެ ސަބަބުން، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހިމެނޭ ގޮތަށް އެ ޕާޓީއަށް ނިސްބަތްވާ ނުވަ މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްފައެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙް ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގައި މިހާރު ތަމްސީލުކުރާ ގޮނޑީގެ ނިސްބަތަށް ބަލާއިރު، އެމްޑީޕީއަށް ކޮމިޓީތަކުން ފުރުޞަތު ދީފައި ވަނީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އޭނާ އިތުރަށް ވިދާޅުވީ، ގަދަބާރުން ކަންކަން ހާސިލުކުރުމުގެ ވިސްނުން ދޫކޮށްލައި، ޤާނޫނާއި ގަވާއިދުގެ ތެރެއިން އަމަލުކުރަން އެމްޑީޕީން ދަސްކުރަން ޖެހިފައިވާ ކަމަށެވެ.

Leave a Reply