ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމުގެ ޔަގީންކަން ކޮމިޝަނަ އޮފް ޕްރިޒަންސް ހަސަން ޒަރީރު ދެއްވައިިފިއެވެ.

އެ ޔަގީންކަން ސީޕީ ޒަރީރު ދެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސާސްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ރެއާއި ދުވާލު ވަމުންދާ ގުރުބާނީތަކާއި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ސީޕީ ވަނީ ސަރުކާރުގެ ސްކީމްތަކުން ބޯހިޔާވެހިކަން ލިބޭނެކަން ކަށަވަރުވެފައިވާކަން ހާމަކުރައްވައިފައެވެ.

ސީޕީ ވަނީ އޮފިސަރުންނަށާއި މުވައްޒަފުންނާއި ޢާއިލާތަކުގެ އިތުރުން ވޭތުވެދިޔަ 55 އަހަރު ދުވަހު ކަރެކްޝަންސްއަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ތަހުނިޔާ ވެސް ދަންނަވައިފައެވެ.

އޭގެ އިތުރުން ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ބޮޑީ ސްކޭނިންގ މެޝިނަކާއި ބެގެޖް ސްކޭނިންގ މެޝިން ބެހެއްޓިފައިވާ ކަމަށާއި 2015އިން ފެށިގެން ފުރަތަމަ ފަހަރަށް އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

އަދި ވޭތުވެ ދިޔަ އަހަރު ތެރޭގައި ކަރެކްޝަންސްއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާ ލައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކުރެވި، ޖާގަ އިތުރުކުރެވިފައިވާ ކަމަށެވެ.