
ވަތަނީ ހިދުމަތުގެ 4 ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާ ފަށާއިފިއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫމާތު ދެމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް ހަލީމް ވިދާޅުވީ މި ބެޗަށް ކުދިން ހޮވުން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މި މަހުގެ 18ވަނަ ދުވަހާ ހަމައަށް ކަމަށާއި ވަތަނީ ހިދުމަތުގެ 4ވަނަ ބެޗުން ފުރުސަތުދީފައި ވަނީ 3ވަނަ ބެޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖާގަ ނުލިބުނު ކުދިންނަށް ކަމަށެވެ. އަދި މި ޕްރޮސެސް މާލެ ހިމެނޭހެން 13 ރަށެއްގައި ކުރިއަށްދާ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
“މި ޕްރޮސެސް ވަރަށް ފުޅާކޮށް ކުރިއަށްގެންދަން މާލެ އަދި އަތޮޅުތެރޭގައި ވެސް. އެގޮތުން މި ޕްރޮސެސްގައި އެޕްޓިޓިއުޓް ޓެސްޓު، އިންޓަވިއު، ފިޒިކަލް ޓެސްޓު، ސްވިމިންގ ޓެސްޓު އަދި ހެލްތް ސްކީރިން ކުރިއަށްގެންދަން. ” ހަލީމް ވިދާޅުވިއެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި، ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދޭނެއެވެ. މިހާރު ކުރިއަށް ދަނީ މި ހިދުމަތުގެ ތިން ވަނަ ބެޗެވެ.










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































