
“ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު” 66 މެންބަރުންގެ އިއްތިފާގުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ކޮމިޓީއަށް ފޮނުވައިފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް ހުށަހެޅުއްވި މި މުހިންމު ބިލު ޤާނޫނަކަށް ވެގެންދާއިރު، މަޢުލޫމާތު އެއްކުރާ ފަރާތްތަކާއި އެ ތަކެތި ޕްރޮސެސްކުރާ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް ކަނޑައެޅިގެންދާނެއެވެ. އަދި އޭގެ ސަބަބުން، މަޢުލޫމާތުގެ ވެރިފަރާތުގެ ޙައްޤުތައް ޙިމާޔަތްކުރެވި، އެފަދަ ޑޭޓާ ބޭނުންކުރާ އެޖެންސީތަކާއި ކުންފުނިތައް ރެގިއުލޭޓްކުރެވޭނެ ހަރުދަނާ އޮނިގަނޑެއް ވުޖޫދަށް އަންނާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ފަރާތްތަކަށާއި ރާއްޖެއިން ބޭރަށް ޑޭޓާ ފޮނުވުމުގައި އަމަލުކުރަންޖެހޭނެ ގޮތްތަކާއި، ޑޭޓާ ލީކުވުން ފަދަ ހާދިސާއެއް (ޑޭޓާ ބްރީޗެއް) ދިމާވެއްޖެނަމަ ކަންކުރަންވީ ގޮތުގެ އިރުޝާދުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. ހަމައެއާ އެކު، ޑޭޓާ ކޮންޓްރޯލްކުރާ ފަރާތްތަކުން ރެކޯޑު ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި، ވަކި ޚާއްސަ ހާލަތްތަކުގައި ޑޭޓާ ޕްރޮޓެކްޝަން އޮފިސަރުން އައްޔަންކުރުމަށް ވެސް މި ބިލުން ލާޒިމުކުރެއެވެ.
މި ޤާނޫނު ތަންފީޒުކުރުމުގެ އެންމެހާ ޒިންމާތައް މަތިކޮށްފައި ވަނީ އަލަށް ކަނޑައަޅާ “ޕްރައިވަސީ ކޮމިޝަނަރު” އަށެވެ. ބިލުގައި ކަނޑައަޅާފައިވާ ގޮތުން، އެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރައް ވާނީ މިހާރު ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ހުންނަވާ ބޭފުޅެކެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް މާހައުލު އަމާންކޮށް، އާންމު ފަރުދުންގެ ޕްރައިވަސީ ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































