ރަޖިސްޓްރީނުކޮށް ތިބި ދަރިވަރުންތަކަކަށް ސަނަދު ދޫކުރިކަން ސާބިތުވުމާ ގުޅިގެން، ދެވަނަ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން މިއަދު އެވިޑް ކޮލެޖު ޖޫރިމަނާކޮށްފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަރުކަށި ފިޔަވަޅު އަޅަން ނިންމީ މިއަހަރުގެ ޖަނަވަރީ މަހު ސްރީލަންކާގެ ބަޔަކަށް ހަމަ މިފަދައިން ސެޓްފިކެޓް ދޫކުރި މައްސަލައެއް ފެންމަތިވެ، އެކަން ތަކުރާރު ނުކުރުމަށް އެ ކޮލެޖަށް ނަސޭހަތްތެރިވެފައި ވަނިކޮށެވެ. ނަމަވެސް، އެ އެންގުމަށް ބޯލެނބުމެއް ނެތި އިތުރު ދަރިވަރުންތަކަކަށް ސަނަދު ދީފައިވާކަން އެމްކިއުއޭގެ ސަމާލުކަމަށް އައުމާ އެކު، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ މަޝްވަރާގެ މަތިން ވަނީ ޖޫރިމަނާކުރުމަށް ކަނޑައަޅާފައެވެ.

މަތީ ތައުލީމުދޭ މަރުކަޒުތަކުން ރާއްޖެއިން ބޭރުގައި ޕްރޮގްރާމްތައް ހިންގުމަށް ހަދާފައިވާ އުސޫލުތަކާއި އެކްރެޑިޓޭޝަން ގަވާއިދުތަކާ ޚިލާފުވުމަކީ މަނާކަމެއްކަން އެމްކިއުއޭއިން ވަނީ ހަނދާންކޮށްދީފައެވެ. މިފަދަ ޒިންމާދާރުކަންކުޑަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ބައިނަލްއަގުވާމީ މައިދާނުގައި އޮންނަ އިތުބާރު ގެއްލި، ދިވެހި ކޮލެޖުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމަށް މަގުފަހިވާނެކަމުގެ ކަންބޮޑުވުން އެ އޮތޯރިޓީން ވަނީ ފާޅުކޮށްފައެވެ. އެހެންކަމުން، އެއްވެސް ކޯހެއްގައި ބައިވެރިވުމުގެ ކުރިން އެއީ ހުއްދަ ލިބިފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނާއި މުއައްސަސާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްކިއުއޭއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި، ލަންކާގެ އެމަޒޯން ކޮލެޖާއި އަލްޒެޓު ޔުނިވާސިޓީ މެދުވެރިކޮށް އެވިޑް ކޮލެޖުގެ ޕްރޮގްރާމްތައް ފުރިހަމަކޮށް، ސަނަދު ހޯދާފައިވާ ކަމަށް ބުނެ ސައްހަކަން ކަށަވަރުކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކެއް ހިމެނެއެވެ. މީގެ ކުރިން 2022ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެސް އެމްކިއުއޭއިން ބަލައިނުގަންނަ ކޯހެއް އެ ކޮލެޖުން އިޝްތިހާރުކުރި މައްސަލައެއް ތިލަވިއެވެ. ނަމަވެސް އެފަހަރު އެވިޑް ކޮލެޖުން ބުނެފައި ވަނީ އެއީ އިޝްތިހާރު ފަރުމާކުރުމުގައި ދިމާވި ލިޔުމުގެ ކުށެއް ކަމަށެވެ.

Leave a Reply