
އަންނަ އަހަރުން ފެށިގެން ދިވެހި އަދި އިސްލާމް ކިޔަވައިދޭ ވަގުތު އިތުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ރޭ ބޭއްވި އަމީނިއްޔާ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ 2015ވަނަ އަހަރު ނެރުނު އާ ކަރިކިއުލަމްއަށް ފަހު މިހާތަނަށް ވެސް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.
އަދި އާ ކަރިކިއުލަމްއަށް ކިޔަވައިދޭން ފެށިފަހުން މިހާތަނަށް ނެރެވުނު ނަތީޖާތަކަށް ބެލުމަށް ފަހު ކަރިކިއުލަމް މުރާޖާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
“މިހާރަށް ވުރެ ގިނަ ވަގުތު ދިވެހި މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު އިސްލާމް މާއްދާ ކިޔަވަން. މިހާރަށް ވުރެ ގިނަ ވަގުތު ހިސާބު މާއްދާ ކިޔަވަން. އަދި ކުދިންގެ އެކިއެކި ބަސްތައް ދަސްކުރާ ވަގުތު އިތުރު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިދަނީ މަސައްކަތް ކުރަމުން. އަޅުގަނޑު އުއްމީދު މިކުރަނީ މި އަންނަ އަހަރު ގްރޭޑް އެކެއް ދޭއް ތިނެއް، ކީ ސްޓޭޖް އެކަކަށް އިރާދަ ކުރެއްވިއްޔާމު މި ބަދަލުތައް ރޯލް އައުޓްކުރެވޭނެ ކަމަށް”އިސްމާއިލް ވިދާޅުވިއެވެ.
ދިވެހި އަދި އިސްލާމްއަކީ ދިވެހި ބަހުން ކިޔަވައިދޭ ދެ މާއްދާއަށް ވާއިރު ދިވެހި ބަހަށް ކުޑަކުދިން ކޮށިވުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































