
ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ މެދުގައި ފިލްމު އުފެއްދުމުގެ ހުނަރު އިތުރުކޮށް، އުފެއްދުންތެރިކަން ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން މީޑިއާނެޓުން “ފެކަލްޓީ ފްލިކްސް – ވީޑިއޯކްލަބް ޑްރާމާ ކޮމްޕެޓިޝަން 2026” ލޯންޗުކޮށްފިއެވެ.
“ވީޑިއޯކްލަބް” އަކީ ދިވެހި ފިލްމާއި، ޑްރާމާ، ސީރީޒް އަދި މީޑިއާނެޓް އޮރިޖިނަލްސްގެ ތަފާތު އުފެއްދުންތައް ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް މީޑިއާނެޓުން ހިންގާ ޚާއްޞަ ލޯކަލް ސްޓްރީމިންގ ޕްލެޓްފޯމެކެވެ. “ފެކަލްޓީ ފްލިކްސް” މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކޮލެޖު/ޔުނިވަރސިޓީ ދަރިވަރުންގެ އަމިއްލަ އުފެއްދުންތައް މި ޕްލެޓްފޯމް މެދުވެރިކޮށް މުޅި ރާއްޖެއަށް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން އަމިއްލަ ކުރު ފިލްމުތައް ތައްޔާރުކޮށްގެން ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުބާރާތުން ވަނަތަކަށް ހޮވޭ ފިލްމުތަކަށް ޖުމްލަ 100،000 (އެއްލައްކަ) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އިނާމުތައް:
- 1 ވަނަ: 50،000 ރުފިޔާ
- 2 ވަނަ: 35،000 ރުފިޔާ
- 3 ވަނަ: 15،000 ރުފިޔާ
ފިލްމު މޭކިންގ ވާރކްޝޮޕް
މުބާރާތުގެ އިތުރުން، މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ހުރިހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން “ފިލްމު މޭކިންގ ވާރކްޝޮޕް” އެއް ކުރިއަށްގެންދިއުމަށް މީޑިއާނެޓުން ވަނީ ނިންމާފައެވެ. މި ވާރކްޝޮޕްގެ މައިގަނޑު ބޭނުމަކީ ފިލްމު އުފެއްދުމުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި އިރުޝާދު ދަރިވަރުންނަށް ފޯރުކޮށްދީ، މުބާރާތަށް ތައްޔާރުވުމުގައި އެހީތެރިވެދިނުމެވެ.
ބައިވެރިވާނެ ގޮތް
މުބާރާތުގައި ބައިވެރިވާން އެދޭ ދަރިވަރުން ޓީމު ހެދުމަށްފަހު، ތިރީގައިވާ މަޢުލޫމާތުތައް [email protected] އަށް އީމެއިލް ކުރަންޖެހޭނެއެވެ:
- ޓީމުގެ ނަން
- ޓީމުގެ ހުރިހާ ބައިވެރިންގެ ނަމާއި އިންޑެކްސް/ސްޓޫޑެންޓް ނަންބަރު
- ތަޢުލީމީ މުއައްސަސާ (ކޮލެޖް / ޔުނިވަރސިޓީ / ކޭމްޕަސް)
- އީމެއިލް އެޑްރެސް
- ގުޅޭނެ ފޯނު ނަންބަރު
ސުންގަޑި: މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 25 އޯގަސްޓް 2026 އެވެ.
މި މުބާރާތަކީ ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި، ފިލްމީ ދާއިރާއަށް ޝައުޤުވެރިވާ އާ ޖީލެއް ބިނާކުރުމަށް މީޑިއާނެޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުބާރާތެކެވެ. މީޑިއާނެޓުގެ އުންމީދަކީ މި މުބާރާތުގެ ޒަރީޢާއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ޒުވާނުން އެއްފުރާޅެއްގެ ދަށަށް ގެނެސް، އެ ފަރާތްތަކުގެ އުފެއްދުންތެރި ޚިޔާލުތައް ފުޅާ ދާއިރާއެއްގައި އާންމުންނަށް ތިލަކޮށްދިނުމެވެ.
މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް އީމެއިލް ކުރުމަށް މީޑިއާނެޓުން އެދެއެވެ.
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































