ކޮމިޝަނަރ އޮފް ޕޮލިސް(ސީޕީ) އަޙްމަދު މުޙައްމަދު، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީގެ ހެޑް، ޑރ. މުޙައްމަދު އަލް ކުވެއިތީ އާއި އެ ޤައުމުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ޔޫ.އޭ.އީގެ ވަފުދުން މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެފަރާތުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ޔޫ.އޭ.އީ އިން ދިވެހި ފުލުހުންނަށް ދެއްވަމުންދާ އެހީތެރިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވިއެވެ.

ބައްދަލުވުމުގެ މަޝްވަރާތައް ބިނާކޮށްފައި ވަނީ ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާ އެކު ދިވެހި ފުލުހުންގެ އިންވެސްޓިގޭޝަން އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުންނެވެ. އަދި މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު ދެފަރާތުން ފުޅާދާއިރާއެއްގައި ހިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން، ފުލުހުންގެ އިންސާނީ ވަސީލަތް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، ދިވެހި ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. ހާއްސަކޮށް، ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާއެކު ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކޮށް، ފުލުހުންގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ.