
ނ. ވެލިދޫ ހޮސްޕިޓަލް އަންނަ އަހަރު ނިމޭނެކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ގީލާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު އައްބާސް ސުވާލު ކުރެއްވީ ނ. ވެލިދޫގައި ގާއިމްކުރާ 30 އެނދުގެ މަޝްރޫއު ކުރިއަށް ނުގޮސް މަޑުޖެހިފައި އޮތުމާ ގުޅޭގޮތުންނެވެ.
ގީލާ ވިދާޅުވީ މި މަޝްރުއު އާރުޑީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި މިއީ 30 އެނދުގެ ހޮސްޕިޓަލަކަށް ވާތީ މި މަޝްރޫއުއަށް 108 މިލިއަން ރުފިޔާ ވެސް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއު ނިންމުމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހަށް ކަމަށް ވެސް ވިދާޅުވިއެވެ.
“މި މަޝްރުއުގެ އަމަލީ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖެހިފައި ވީނަމަވެސް މިވަގުތު ކުރިއަށްދަނީ ބިމުން ފެން ހިއްކުމާއި ބިން އެއްވަރު ކުރުމުގެ މަސައްކަތް. މި މަސައްކަތް ބޭރު ފަރާތަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި.” ގީލާ ވިދާޅުވިއެވެ.
ގީލާ ވިދާޅުވީ މިހާރު ހުރި ސިއްހީ މަރުކަޒުގައި އަލަށް އަންހެނުންގެ ބަލިތަކުގެ ހާއްސަ ފަރުވާ، ސްކޭންގެ ހިދުމަތް، ކުޑަކުދިންގެ ބަލިތަކުގެ ހިދުމަތް، ޑައިލިސިސް ގެ ހިދުމަތުގެ އިތުރުން އެތެރެ ހަށީގެ ބަލިތަކުގެ ހިދުމަތް ފަށާފައި ކަމަށެވެ. އަދި އާ ހޮސްޕިޓަލާ އެކު އޮޕަރޭޝަން، ހޭނައްތާ ބަލި އަދި އެކްސްރޭގެ ހިދުމަތް ވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































