ދައުލަތަށް ލިބެން ޖެހޭ ނަމަވެސް ނުލިބި ހުރި 449 މިލިއަން ރުފިޔާ މީރާއިން ހޯދައިފިއެވެ.

މީރާގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މުއްދަތު ހަމަވެފައިވާ ފައިސާ ހޯދުމަށް ކަމާ ބެހޭ އިދާރާތަކުން ކުރި މަސައްކަތުން (އެންފޯސްޑް ކަލެކްޝަންގެ ގޮތުގައި) ޖުމްލަ 449 މިލިއަން ދިވެހި ރުފިޔާ ވަނީ ހޯދައިފައެވެ. އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ ފާއިތުވި ސުންގަޑިތަކަށް ނުދައްކާ ހުރި ފައިސާ ހޯދުމަށް އެޅި އެކި ފިޔަވަޅުތަކުގެ ތެރެއިން ލިބިފައިވާ ފައިސާއެވެ.

ހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ޢަދަދެއް ލިބިފައި ވަނީ ‘ޑަނިން’ ނުވަތަ ފައިސާ ދެއްކުމަށް އަންގައި ފޮނުވި ނޯޓިސްތަކާއި ކުރި މަސައްކަތުގެ ތެރެއިންނެވެ. އެއީ 248.07 މިލިއަން ރުފިޔާއެވެ.

ފައިސާ ހޯދި ގޮތުގެ ތަފްސީލް 

ޑަނިން – 248.07 މިލިއަން ރުފިޔާ
ޑިއުސް ކްލިއަރަންސް – 92.12 މިލިއަން ރުފިޔާ
އިންސްޓޯލްމަންޓް ޕްލޭން – 78.38 މިލިއަން ރުފިޔާ
ރިމައިންޑަރ ކޯލް/އީމެއިލް- 30.49 މިލިއަން ރުފިޔާ

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފޯނުން ގުޅައިގެންނާއި އީމެއިލްގެ ޒަރީޢާ އިން ހަނދާންކޮށްދީގެން ވެސް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދިފައެވެ. އަދި ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ހެދި އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ޑިއުސް ކްލިއަރަންސް ނުވަތަ ޚަލާޞްކުރުމަށް ދެއްކި ފައިސާގެ ގޮތުގައި 92 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ބަލައިގަނެފައެވެ.